އިންޑިއާގެ ސަރުކާރުންގެ ފިއްތުންތައް ކަންގަނާ އަށް ކުރިމަތިވާ ކަމަށް ބުނެ ކަންގަނާ އަންނަނީ ސަރުކާރުގެ އެކި މުއަސްސަސާތަކާއި މިނިސްޓަރުންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންނެވެ.
މިދިޔަ ބުދަ ދުވަހު ބީއެމްސީގެ އޮފިޝަލުން އޭނާގެ އޮފީސް ތަޅާލުމައި ގުޅިގެން މި މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ. ކަންގަނާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ އިހުސާސްތައް ފާޅުކުރަމުންނެވެ.
އެގޮތުން ޓްވިޓަރ މެދުވެރިކޮށް ކަންގަނާ ވަނީ ސޯނިއާ ގާންދީ އަށް ވެސް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގެ ރައްދުގައި ސޯނިއާ ގާންދީ ބުނެފައިވަނީ އިންޑިއާ ގައި އަންހެނުންނަށް ދިމާވާ އެކި އެކި ގޮންޖެހުންތައް ކަންގަނާ އަށް ވެސް އެނގިލައްވާނޭ ކަމަށް އެކަމަނާ އަށް ގަބޫލު ކުރެވޭ ކަމަށާއި އަދި ކަންގަނާގެ އަމިއްލަ ގައުމުގައި އެފަދަ ފިއްތުންތަކެއް ކުރިމަތިވަމުން ދާކަމުގައިވާނަމަ އެކަން ހިނގަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިންތޯ ބައްލަވާނެ ކަމަށެވެ.
ސޯނިއާ ގާންދީގެ މި ވާހަކަތަކަށް ރައްދު ދީ ކަންގަނާ ވަނީ ސޯނިއާ އަށް އެކަހަލަ އުނދަގޫ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުތޯ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން ކަންގަނާ ވަނީ ސަރުކާރުން އެކުރާ ކަންތައް ޤާނޫނުގެ ތެރެއިން ކުރުމަށް ހުށަހެޅިދާނެތޯ ވެސް ސުވާލު އުފައްދާފައެވެ.
ކަންގަނާގެ އޮފީސް ތަޅާލާފައި ވާކަމުގައި ވީނަމަވެސް ކަންގަނާގެ ހުރިހާ މަސައްކަތައް އަދިވެސް ކުރިޔަށް ދަނީ އެތާނގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އަދި ކަންގަނާ ވެސް ވަނީ މިވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މިވާހަކަތައް ހިއްސާ ކުރަމުން ކަންގަނާ ބުނެފައިވަނީ އޭނާ އަކީ އެ ނޫން އެހެން ތަނެއް ހޯދާ އަލުން އޮފީސް ހެދޭވަރަށް ފުދުންތެރިކަން ހުރި ފައިސާ ވެރިއެއް ނޫން ކަމަށެވެ.
އިތުރަށް ކަންގަނާ ބުނެފައިވަނީ ކިތަންމެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އަދިވެސް ސާބިތުކަމާއެކު ހައްގު ހޯދުމަށް އަޑު އުފުލާނެ ކަމަށެވެ.