ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 22:03
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19 ރިކަވަރީ ސްކީމް
2000ށް ވުރެ ގިނަ ފަރާތްތަކަށް ރިކަވަރީ ސްކީމްގެ ލޯނު ދޫކޮށްފި
 
މި ލޯނުތަކަކީ ހަ އިންސައްތައިގެ އިންޓްރެސްޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއެޑަކާއި އެކު ތިން މަސް ދުވަހުން ދައްކާގޮތަށް ދޫކުރާ ލޯނުތަކެއް
 
އެސްޑީއެފްސީ އިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން 1640 ފަރާތައް ލޯނު ދޫކޮށްފައި
 
ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށާއި ރިސޯޓްތަކުގެ ތެރެއިން 367 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތައް 2000ށް ވުރެ ގިނަ ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތާފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށާއި ރިސޯޓްތަކުގެ ތެރެއިން 367 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން 1640 ފަރާތައް ލޯނު ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯންތަކަށް 522.2 މިލިއަން ރުފިޔާ އަދި 7.5 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެގޮތުން ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި 562 ފަރާތުން ފޯމު ހުށަހަޅާފައިވާއިރު، އެޕްރުވްކޮށްފައި ވަނީ 397 ފޯމެވެ.

މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 268.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި މި ލޯނަށް އެދި 3,293 ފަރާތަކުން ފޯމު ހުށައަޅާފައިވާ އިރު، އެޕްރޫވްކޮށްފައި ވަނީ 1,861 ފޯމެވެ.

އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ވަނީ 1,142 ލޯނެވެ. އެއީ 253.3 މިލިއަން ރުފިޔާއެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 498 ފަރާތަކަށް 15 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ބީއެމްއެލް އަދި އެސްޑީއެފްސީ އިން ދޫކުރާ ލޯނުތަކަކީ ހަ އިންސައްތައިގެ އިންޓްރެސްޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއެޑަކާއި އެކު ތިން މަސް ދުވަހުން ދައްކާ ގޮތަށް ދޫކުރާ ލޯނުތަކަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް