ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 18:50
ފުލަމް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-0 ން
ފުލަމް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
އަލަށް ގުޅުނު ކުޅުންތެރިންގެ އެހީއާއެކު ފުރަތަމަ މެޗުން އާސެނަލަށް މޮޅެއް
ފުލަމް އަތުން އާސެނަލް މޮޅުވީ 3-0 ން
މި މެޗުގައި އާސެނަލާ އަލަށް ގުޅުނު ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައި

މި ޓްރާންސްފާ ބާޒާރުގައި އާސެނަލާ އަލަށް ގުޅުނު ކުޅުންތެރިންގެ އެހީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެއެވެ.

އައު ސީޒަނުގެ ޕްރިމިއާ ލީގުގެ ކުޅުން ހޮނިހިރު ދުވަހުގެ ހަވީރު ފެށިއިރު، ފުރަތަމަ މެޗުން އާސެނަލް މޮޅުވީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ފުލަމް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު ޑާބީ މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ. މި ލަނޑަށްފަހުވެސް އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އާސެނަލާ އަލަށް ގުޅުނު ބްރެޒިލް މިޑްފީލްޑަރު ވިލިއަން ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުުން އޭނާ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގައި އާސެނަލުން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. ވިލިއަން ނަގައިދިން ކޯނަރަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސްއެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި ވިލިއަންގެ އެހީއާއެކު އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އާސެނަލް މޮޅުވިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު އާސެނަލް ނުކުންނާނީ ޑާބީ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް