ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 12:02
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
މެސީގެ ސަސްޕެންޝަން އުވުން
ސަސްޕެންޝަން އުވި، އެކުއެޑޯ މެޗުގައި މެސީއަށް ކުޅެވޭނެ
ކޮޕަ އެމެރިކާގެ ތިންވަނަ ހޮވި މެޗުގައި މެސީއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑް ވެފައި
އެ ސަސްޕެންޝަން އުވުނީ ސަސްޕެންޝަން ދިން މުއްދަތުގެ ތެރެއިން އެއް އަހަރު މިހާރު ފާއިތުވެފައި ވުމާއެކު

މިދިޔަ އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ލިއޮނަލް މެސީއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާއަށް ދީފައިވާ ސަސްޕެޝަންގެ މުއްދަތު ހަމަވެފައިވާ ކަމަށާއި، އެހެންކަމުން ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށް އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އޮތް ކޮޕަ އެމެރިކާގެ ތިންވަނަ ހޮވި މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ރަތް ކާޑު ދެއްކީ ޗިލީގެ ގެރީ މެޑެލްއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެ މައްސަލައިގައި މެސީ އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 1،500 ޑޮލަރުން ޖޫރިމަނާ ކުރަން ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލުން ނިންމިއެވެ. އެކަމަކު އެ ސަސްޕެންޝަން ގުނަން ހަމަޖެހިފައިވަނީ ރަސްމީ މެޗުތަކުގައި ކަމަށް ނިންމައި، މިދިޔަ އަހަރު އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ކުޅުމުގެ ފުރުސަތު މެސީއަށް ދިނެވެ.

ކޮޕަ އެމެރިކާއަށް ފަހު އާޖެންޓީނާއިން މިހާތަނަށް ރަސްމީ މެޗެއް ކުޅެފައި ނުވި ނަމަވެސް، އުމުރުން 33 އަހަރުގެ މެސީގެ ސަސްޕެންޝަން އުވުނީ ސަސްޕެންޝަން ދިން މުއްދަތުގެ ތެރެއިން އެއް އަހަރު މިހާރު ފާއިތުވެފައި ވުމާއެކު ކަމަށް އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވިއެވެ. އަދި މެސީއަށް ކުޅެވޭނެކަން ކޮންމެބޯލުން އެންގީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ ވަކި މާއްދާތަކަށް ބެލުމަށްފަހު ކަމަށްވެސް ޓަޕިއާ ވިދާޅުވިއެވެ.

އަންނަ އޮކްޓޯބަރު މަހު ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތައް ފަށަން ނިންމާފައިވާއިރު، ފުރަތަމަ މެޗުގައި އެކުއެޑޯއާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.

ކޮޕަ އެމެރިކާގެ ތިންވަނަ ހޮވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން މެސީއަށް ދިން ސަސްޕެންޝަން އުވުނުއިރު، ކޮޕަ އެމެރިކާއަށްފަހު މެސީއަށް ވަނީ އިތުރު ސަސްޕެންޝަނެއްވެސް ދީފައެވެ. އެއީ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުން ބްރެޒިލް އަތުން އާޖެންޓީނާ ބަލިވުމުން މެސީ ދެއްކި ވާހަކަތަކާ ގުޅިގެން ކުރިމަތިވި ތިން މަހުގެ ސަސްޕެންޝަކެވެ.

އެ މެޗަށްފަހު މެސީ ވަނީ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި، އެ އިދާރާއިން މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ހޯސްޓްކުރި ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިންވެސް ބޭނުންވި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ. އެ ވާހަކަތަކާ ގުޅިހެން މެސީ ތިން މަހަށް ސަސްޕެންޑް ކުރުމުގެ އިތުރުން ކޮންމެބޯލުން ވަނީ އޭނާ 50،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.

އެ ސަސްޕެންޝަނަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާޖެންޓީނާއިން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައިވެސް މެސީ ކުޅުނުއިރު، އެ ދެ މެޗުންވެސް އާޖެންޓީނާ ވަނީ މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
16 ސެޕްޓެންބަރ 2020 | ބުދަ 15:35
ސަޔާން ހަމީދް
މެސީ އަކީ އަޅުގަނޑުގެ ހިތުގައި އޮތް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
16 ސެޕްޓެންބަރ 2020 | ބުދަ 15:32
Shayan Hameed
😠😠😠😠😠😠😠Messi އަރުވާ😠😠😠😠😠😠😡😡😤😤😤😤