ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 22:19
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް
ގެޓީ އިމޭޖަސް
ތިން ކުޅުންތެރިން ބަދަލުކުރުން
ތިން ކުޅުންތެރިން ބަދަލުކުރާ ގޮތަށް ހެދުމުން ހައިރާންވި: ކްލޮޕް
ކޮވިޑް-19 ގެ ބްރޭކަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރި
ކުލަބުތަކުން ވަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމާ ދެކޮޅަށް ވޯޓު ދީފައި

ކުރިއަށް އޮތް ސީޒަނުގައި ފަސް ކުޅުންތެރިންގެ ބަދަލުގައި ތިން ކުޅުންތެރިން ބަދަލުކުރާ ގޮތަށް އިނގިރޭސި ޕްރިމިއާ ލީގުން ހެދުމުން ހައިރާންވި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑް-19 އަށްފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމުންނެވެ. މި ބަދަލު ގެންނަން އައިފެބުން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ. އެކަމަކު މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ.

އެގޮތުން ކޮވިޑް-19 ގެ ބްރޭކަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު އަލުން ފެށިއިރު، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް ވަނީ އަމަލުކޮށްފައެވެ.

މީގެ ކުރިން އައިފެބުން މި ގަވާއިދު ފާސްކޮށްފައި އޮތީ މި ސީޒަނަށް އެކަންޏެވެ. އެކަމަކު ފަހުން ވަނީ އަންނަ ސީޒަނުގައިވެސް މި ގަވާއިދަށް އަމަލުކުރެވޭނެކަން ހާމަކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގައި މި ގަވާއިދަށް އަމަލުކުރުމަށް ފެނޭތޯ ނެގި ވޯޓުގައި ކުލަބުތަކުން ވަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމާ ދެކޮޅަށް ވޯޓު ދީފައެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ އޭނާ ކަންބޮޑުވަނީ ކުޅުންތެރިންނާ މެދު ކަމަށާއި، ޔޫރަޕްގެ އެހެން ހުރިހާ ލީގެއްގައި އެ ގަވާއިދަށް އަމަލުކުރާއިރު، ޕްރިމިއާ ލީގުގައި އެ ގަވާއިދަށް އަމަލުނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

އަދި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކޮށްގެން ވަކި ބަޔަކަށް ފައިދާއެއް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، މި ސީޒަނުގައި އެ ގަވާއިދަށް އަމަލުނުކުރަން ނިންމުމުން ހައިރާންވި ކަމަށްވެސް ކްލޮޕް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ދިގުލައިގެން ދިޔައިރު، އައު ސީޒަނުގެ ޕްރިމިއާ ލީގު ފަށާނީ ހޮނިހިރު ދުވަހުއެވެ. ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް