ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 22:56
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ސުއަރޭޒަށް އެތުލެޓިކޯއިން ފާރަލުން
އެތުލެޓިކޯއިން ސުއަރޭޒަށް ފާރަލަނީ
ސުއަރޭޒް ހޯދުމަށް 40 މިލިޔަން ޕައުންޑް ޚަރަދުކުރުމަށް އެތުލެޓިކޯ އޮތީ ތައްޔާރަށް
ޔުވެންޓަސްއާއެކު ސުއަރޭޒް ތިން އަހަރުގެ އެއްބަސްވުމެއް ހެދި ކަމަށް ވަނީ ރިޕޯޓުކޮށްފައި

ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ހޯދުމަށް އެތުލެޓިކޯ މެޑްރިޑުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ފޯވާޑް ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ރިޕޯޓުތައް ބުނިއިރު، ދާދި ފަހުން ސްޕެއިންގެ މީޑިއާތަކުން ވަނީ އެތުލެޓިކޯއިންވެސް ސުއަރޭޒް ހޯދުމުގެ ރޭހުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ސުއަރޭޒް ހޯދުމަށް 40 މިލިޔަން ޕައުންޑް ޚަރަދުކުރުމަށް އެތުލެޓިކޯ އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި ހަފުތާގެ ތެރޭގައި ސުއަރޭޒް ހޯދުމަށް އެތުލެޓިކޯއިން އޭނާގެ އޭޖެންޓުގެ އިތުރުން ބާސެލޯނާއާއެކު މަޝްވަރާ ކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ސުއަރޭޒް ހޯދުމުގެ ރޭހުގައި އެތުލެޓިކޯ ބައިވެރިވިއިރު، ދާދި ފަހުން މީޑިއާތަކުން ވަނީ ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް ރިޕޯޓުކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސުއަރޭޒަށް އަހަރަކު 10 މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އެ ވާހަކަތަަކަށް އިޝާރާތްކޮށް ސުއަރޭޒް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ބުނެފައިވަނީ އެއީ "ފޭކް" ޚަބަރެއް ކަމަށެވެ.

ސުއަރޭޒް މިވަގުތު ބާސާގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ ކުރިން މީޑިއާތަކުން ވަނީ ސުއަރޭޒް ވިއްކާލުމަށް ބާސާއިން އަމާޒުހިފާފައިވަނީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، ބާސާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސުއަރޭޒް މިހާރު އަންނަނީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އެތުލެޓިކޯ އާއި ޔުވެންޓަސްގެ އިތުރުން ސުއަރޭޒް ހޯދުމަށް އޭނާ ކުރީގެ ކުލަބު އަޔަކްސްއިންވެސް މަސައްކަތް ކުރަމުން އައި ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސުއަރޭޒް އެންމެ ފުރަތަމަ އަޔަކްސްއާ ގުޅުނީ 2007 ވަނަ އަހަރުއެވެ. އަޔަކްސްގައި ހޭދަކުރި ހަތަރު ސީޒަންގައި ސުއަރޭޒް ވަނީ އެކުލަބަށް ކުޅެދިން 159 މެޗުން 111 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު 2010 ވަނަ އަހަރު ސުއަރޭޒް ބަދަލުވީ ލިވަޕޫލަށެވެ. ލިވަޕޫލާއެކުވެސް އޭނާ ހަތަރު ސީޒަން ހޭދަކުރިއިރު، ސުއަރޭޒް ވަނީ ލިވަޕޫލަށް ކުޅެދިން 133 މެޗުގައި 82 ލަނޑު ކާމިޔާބުކޮށްފައެވެ.

ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށެވެ. އޭނާ މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސުއަރޭޒް ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް