ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 09:26
ދެ ޤައުމުގެ އިސްވެރިން ބައިވެރިވެ މޮސްކޯގައި ބޭއްވި ޑިޕްލޮމެޓިކް ބައްދަލުވުމަށްފަހު، ފޮޓޯއަކަށް ހުއްޓިލައިގެން
ދެ ޤައުމުގެ އިސްވެރިން ބައިވެރިވެ މޮސްކޯގައި ބޭއްވި ޑިޕްލޮމެޓިކް ބައްދަލުވުމަށްފަހު، ފޮޓޯއަކަށް ހުއްޓިލައިގެން
ރޮއިޓަރސް
އިންޑިއާ-ޗައިނާ ބޯޑަރު މައްސަލަ
އިންޑިއާ ޗައިނާ ބޯޑަރުގައި ތިބި ދެ ޤައުމުގެ ސިފައިން އެ ސަރަޙައްދުން ދުރު ކުރުމަށް އެއްބަސްވެއްޖެ
ދެ ޤައުމުންވެސް އެފަދަ އެއްބަސްވުމަކަށް އާދެވިފައިވާކަން ކަށަވަރު ކޮށްދެއްވާ
އެގޮތަށް ނިންމީ ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތް ބައްދަލުވުމަކަށް ފަހު
ލަޑާކް ސަރަޙައްދުގެ ގަލްވާން ވާދީގައި ދެ ޤައުމުގެ އަސްކަރީ ސިފައިންވެސް ކޭމްޕް ކޮށްފައިވޭ

އިންޑިއާ އާއި ޗައިނާ ބޯޑަރު ހިއްސާކުރާ ލަޑާކް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދެ ޤައުމުގެ އަސްކަރީ ސިފައިން އެ ސަރަޙައްދުން ދުރު ކުރުމަށް ދެ ޤައުމުންވެސް އެއްބަސްވެއްޖެއެވެ.

ދެ ޤައުމުގެ އަސްކަރިއްޔާއާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ދެ ޤައުމުގެ އިސްވެރިން ބައިވެރިވެ މޮސްކޯގައި ބޭއްވި ޑިޕްލޮމެޓިކް ބައްދަލުވުމަކަށް ފަހު މިހާރު ދެ ޤައުމުންވެސް ވަނީ ހިމާލަޔަން ބޯޑަރ ސަރަޙައްދުގައި ހަރަކާތްތެރިވާ އަސްކަރީ ސިފައިން އެ ސަރަޙައްދުން ދުރުކޮށް، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން "އޮމާންކަމާއެކު" ޙައްލުކުރުމަށް އެއްބަސްވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސްޓޭޓް ކައުންސެލަރ ވެންގ ޔީ އަދި އިންޑިއާގެ ފޮރިން މިނިސްޓަރ ޖެއިޝަންކަރު ބައިވެރިވެވަޑައިގެން، މަޝްވަރާތައް ކުރައްވާފައިވެއެވެ. އަދި އެއަށްފަހު ދެ ޤައުމުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ލަޑާކް ސަރަޙައްދުގެ ގަލްވާން ވާދީގައި ދެ ޤައުމުގެ އަސްކަރީ ސިފައިންވެސް ކޭމްޕް ކޮށްފައިވާއިރު، ދެ ޤައުމުންވެސް ބުނަމުންދަނީ އަނެއް ޤައުމުން އެމީހުންގެ ސަރަޙައްދީ އިމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ބޮޑުވެ، ދެ ޤައުމުގެ ދެމެދުގައި ފާއިތުވި މާޒީގައިވެސް ބައެއް ކޯޅުންތައް ހިނގާފަައިވެއެވެ.

އެކަމާ ގުޅިގެން ދެ ޤައުމުންވެސް މިހާރު އެއްބަސްވެފައިވަނީ، އެ ސަރަޙައްދުގައި އުފެދިފައިވާ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް، އެ ސަރަޙައްދުގެ އަސްކަރީ އޮޕަރޭޝަންތައް މަޑުޖައްސާލައި، ދެ ޤައުމުގެ ސިފައިންވެސް ދުރު ކުރުމަށެވެ.

އިންޑިއާ ޗައިނާ ބޯޑަރު ސަރަޙައްދުގެ ކޯޅުން ހައްލު ކުރުމަށް މީގެ ކުރިންވެސް އެތައް ފަހަރަކު މަޝްވަރާތައް ކުރެވި، ދެ ޤައުމުން އެ މައްސަލަ ޙައްލު ކުރުމަށް އެއްބަސްވެވިފައިވެއެވެ. ނަމަވެސް އެއްބަސްވުންތަކަށް އަމަލީ ސިފަ ނާންނަނިސް ކޮންމެ ފަހަރަކުވެސް ބޯޑަރު ސަރަޙައްދުގައި ކޯޅުމެއް ހިނގައި، އެ ސަރަޙައްދުގެ މަޝްރަޙު އިތުރަށް ގޯސްވަނީއެވެ. އެއާއެކު، ދެ ޤައުމުގެ އަސްކަރީ ސިފައިން އެ ސަރަޙައްދުން ދުރު ކުރުމުން، މި މައްސަލައަށް ކޮންމެސް ވަރެއްގެ ޙައްލެއް އަންނާނެ ކަމަށް އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް