އަނބުރާ ދައްކަވާ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް، ރަޝިއާއިން ފައިސާގެ އެހީ ހޯއްދަވާފައިވާ ކަމަށް އިނގިރޭސި ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ރިޗަޑް ޑިއަރލަވް ވިދާޅުވެއްޖެއެވެ.
ޕްރޮސްޕެކްޓް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ޑިއަރލަވް ވިދާޅުވެފައި ވަނީ، އަނބުރާ ދައްކަވާ ގޮތަށް ރަޝިއާއިން ފައިސާގެ އެހީއެއް ޓްރަމްޕް ހޯއްދަވާފައި ވަނީ 2008 ވަނަ އަހަރު ކުރިމަތިވި، މާލީ ދަތިކަމުގެ ތެރޭގައެވެ.
ފަހުން ދައްކާގޮތަށް ރަޝީއާއިން ފައިސާގެ އެހީ ޓްރަމްޕްގެ ހޯއްދެވީ، ފިޔަފާރި ބަނގުރޫޓްވުމުގެ ބިރުއޮތުމުން އެމެރިކާގެ އެއްވެސް ބޭންކަކުން އަދި ފައިސާ ދޫކުރާ އެއްވެސް ފަރާތަކުން އެފަދަ ގޮތަށް ފައިސާ ދިނުމަށް އެއްބަސް ނުވުމުން ކަމަށް ޑިއަރލަވް ވިދާޅުވިއެވެ.
ޑިއަރލަވް ވިދާޅުވި ގޮތުގައި ރަޝިއާއިން ލިބުނު ފައިސާގެ އެހީ ޓްރަމްޕް ބޭނުންކުރެއްވީ، މާލީ ދަތިކަމުގައި އެންމެބޮޑަށް ގެއްލުވި ރިއަލް އެސްޓޭޓް ވިޔަފާރި ކޮޅަށް ޖެހުމަށެވެ.
ރަޝިއާގެ އެހީއާ ގުޅުންހުރި އެއްވެސް މުއައްސަސާއަކުން ފަހުން ދައްކާ ގޮތަށް ފައިސާ ނެގުމަކީ މަނާ ކަމަކަށް ނުވާއިރު، ޑިއަރލަވްގެ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެތް އޭނާގެ އިންޓަވިއުގައި ވިދާޅުވެފައެއް ނުވެއެވެ.
ޑިއަރލަވް އެފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމުގެ އެއްދުވަސް ކުރިން ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި އޭނާގެ މައްޗަށް އެއްވެސް ބާރެއް ނުފޫޒެއް ފޯރުވޭނެ ވަރުގެ އެއްވެސް ކަމެއް ރަޝީއާ އާ ދެމެދު ހިނގާފައިނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އިންޓަނޭޝަނަލް ލޯ ފާމްގެ ވަކީލެއް ކަމަށްވާ ރޮބަޓް އެމްސްޓެޑަމް އިންޑިޕެންޑެންޓަށް ވިދާޅުވެފައިވަނީ ރަޝީއާގެ އެއްވެސް މާލީ އިދާރާއަކާ ޓްރަޕްއާ ދެމެދު ފައިސާގެ މުއާމަލާތްތަކެއް ހިންގި ނަމަ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އެކަން އެނގޭނެ ކަމަށެވެ.
އެމްސްޓެޑަމް ވިދާޅުވި ގޮތުގައި ޓްރަމްޕާއި ރަޝިއާ އާ ދެމެދު އޮންނަ ގުޅުމަކީ އެތައް އަހަރުތަކެއް ކުރިން ވެސް އުފެދިފައި އޮތް ގުޅުމެކެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އުފެދުނު ގުޅުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިއަރލަވްގެ މިފަދަ ތުހުމަތުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ބަޔާން އާއްމު ކުރުމަށް ގޮވާލާ އެ ގައުމުގެ 150 ސަރަހައްދެއްގައި މުޒާހަރާ ކޮށްފައިވެއެވެ.