ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ގޯލްކީޕަރު އަލްފޯންސް އަރިއޯލާ ލޯނު އެއްބަސްވުމެއްގެ ދަށުން ފުލަމާ ގުޅިއްޖެއެވެ.
މީގެ ކުރިން ލޯނު އެއްބަސްވުމެއްގެ ރެއާލް މެޑްރިޑަށްވެސް ކުޅުނު އުމުރުން 27 އަހަރުގެ ގޯލްކީޕަރު ފުލަމާ ގުޅުނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން ފުލަމުން ބޭނުންވެއްޖެ ނަމަ، އަރިއޯލާގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ލިބެއެވެ.
އައު ސީޒަންގެ ޕްރިމިއާ ލީގުން ޖާގަ ހޯދާފައިވާ ފުލަމަށް އަރިއޯލާ ބަދަލުވިއިރު، މި ޓްރާންސްފާ ބާޒާރުގައި އޭނާ ހޯދުމަށް ޗެލްސީން މަސައްކަތް ކުރި ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އަރިއޯލާގެ އެޖެންޓާ ޗެލްސީން މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލާ ގުޅުނު އަރިއޯލާ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ ނުވަ މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާފައެވެ. އެކަމަކު އަރިއޯލާގެ ލޯނުގެ މުއްދަތު ހަމަވުމާއެކު އޭނާ އެނބުރި ޕީއެސްޖީއަށް ބަދަލުވިއެވެ.
ޕީއެސްޖީން ކެރިއަރު ފެށި އަރިއޯލާ ވަނީ އެ ކްލަބުގައި ހޭދަކުރި ފަސް ސީޒަނުގައި 107 މެޗު ކުޅެދީފައެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލްގެ އިތުރުން ވިޔަރެއާލަށްވެސް ކުޅުނު އަރިއޯލާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ކާމިޔާބުުރުމުގެ އިތުރަށް، ޕީއެސްޖީއާއެކު ފްރެންޗް ލީގު ހަތަރު ފަހަރު ހޯދާފައެވެ.
ފުލަމުން އަރިއޯލާގެ ސޮއި ހޯދިއިރު، އެޓީމުން އަންނަނީ އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުލަމް ޖާގަ ހޯދީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުގައި ބްރެންޓްފޯޑް 2-1 އިން ބަލިކޮށްގެންނެވެ.
މި މެޗުން މޮޅުވެ އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ފުލަމް ޕްރޮމޯޓް ވިއިރު، އެޓީމު އެންމެ ފަހުން ޕްރިމިއާ ލީގުގައި ވާދަކޮށްފައިވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނުގައެވެ. ސްކޮޓް ޕާކާގެ އިރުޝާދުގެ ދަށުން ފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވިއިރު، އޭނާ ޓީމާ ހަވާލުވެފައިވަނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ކްލައުޑިއޭ ރަނިއޭރީގެ ބަދަލުގައެވެ.