ކޮވިޑް-19 ވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 9 ލައްކަ ފަހަނަ އަޅައިފިއެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔެއިން މިހާތަނަށް 28 މިލިއަން މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 9 ލައްކައަށް އަރާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން މިހާތަނަށް 908،000ށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ވައިރަސްގެ އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ އެމެރިކާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6.3 މިލިއަނަށް އަރާފައިވާއިރު، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 195،000ށް ވުރެ މަތީގައެވެ.
ދެވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ޤައުމަކީ އަވައްޓެރި އިންޑިއާއެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 75،000ށް އަރައެވެ.
އޭގެ އިތުރުން، ތިންވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ބްރެޒިލްއިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 4 މިލިއަނަށްވުރެ މަތީގައެވެ. އެހެން ނަމަވެސް، ބްރެޒިލްގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އިންޑިއާއަށްވުރެ ގިނައެވެ. އެގޮތުން ބްރެޒިލްއިން މިހާތަނަށް 128،000ށް ވުރެ ގިނަ މީހުން ވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ.
ފާއިތުވި ދެ ހަފުތާގެ ތަފާސްހިސާބުތަކާ ޙަވާލާދީ ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވާ ގޮތުން މިހާރުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5600 މީހުން ކޮވިޑް ޖެހިގެން މަރުވެއެވެ.