ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 13:51
އިސްލާހު ފާސްވުމުން އުރްދުޣާންއަށް ތާޢީދުކުރާ ފަރާތްތަކުން އުފާ ފާޅުކުރަނީ
އިސްލާހު ފާސްވުމުން އުރްދުޣާންއަށް ތާޢީދުކުރާ ފަރާތްތަކުން އުފާ ފާޅުކުރަނީ
ސީ.އެން.އެން
ތުރުކީގައި ނެގި ވޯޓް
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
ބޮޑެތި ބާރުތަކެއް ވަނީ ލިބިފައި
ދެހާސް ނަވާވީހާއި ހަމައަށް ވެރިކަމުގައި ހުރެވޭނެ
އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ލިބޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހށް އެގައުމުގެ ރައްޔިތުން އާބަސް ބުނެފިއެވެ.

 

ތުރުކީގައި އޮތް ބަރުލަމާނީ ނިޒާމުގެ ބަދަލުގައި އެކްޒެކެޓިވް ޕްރެޒިޑެންސީ ނިޒާމެއް ގާއިމްކުރުމަށް ރައީސަށް އާދަޔާ ޚިލާފަށް ބާރުތަކެއް ލިބިދޭ އިސްލާހު ރައްޔިތުން ބަލައިގަންފައި ވަނީ ވަރަށް ހަނި އަޣްލަބިއްޔަތަކުންނެވެ.

 

ވޯޓްގެ 98 ޕަސެންޓް ގުނާ ނިމުނު އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން، ބަދަލުތައް ގެންނަން ފެންނަ ކަމަށް 51 ޕަސެންޓް މީހުން ވަނީ ވޯޓްލާފައެވެ.

 

ތުރުކީގެ ރައީސް އުރްދުޣާންގެ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީ (އޭކޭޕީ) އިން ކެމްޕޭން ކުރި އިސްލާހާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅެވެ.

 

އެގޮތުން ރިޕަބްލިކަން ޕީޕަލްސް ޕާޓީން ވަނީ 60 ޕަސެންޓް ވޯޓު އަލުން ގުނުމަށް ގޮވާލާފަ އެވެ. ވޯޓުގައި 99.45 ޕަސެންޓް ނަތީޖާ ސާފުކުރި އިރު އިސްލާހާ އެއްކޮޅަށް 51.37 ޕަސެންޓް މީހުން ވޯޓު ދިންއިރު، ދެކޮޅަށް 48.63 ޕަސެންޓް މީހުން ވޯޓްދީފައި ވެއެވެ.

 

އިސްލަހު ކުރެވުނު ޤާނޫނުގެ ދަށުން ސަރުކާރުގެ އިސް މަގާމުތަކާއި ކެބިނެޓަށް ބޭފުޅުން ހަމަޖެއްސުމާއި، ރިޔާސީ ގަރާރުތައް ނެރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ އިތުރުން ގާނޫނު ހަދާ މަޖްލިސް އުވާލުމުގެ ބާރާއި ނައިބު ރައީސުން އައްޔަން ކުރުމާއި ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރުގެ އިތުރުން ބޮޑު ވަޒީރުގެ މަގާމު އުވާލުން ފަދަ ބާރުތައް ހިމެނެއެވެ.

 

ތުރުކީގެ ބޮޑު ވަޒީރުކަން ދިހަ ވަރަކަށް އަހަރު ކުރެއްވުމަށް ފަހު އެ ގައުމުގެ ރައީސްކަމާ އުރުދުޣާން ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.

 

މީގެ ގަރުނެއް ކުރިން ޖުމްހޫރިއްޔަތަކަށް ތުރުކީ ބަދަލުވި ފަހުން އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެނައި އެންމެ ބޮޑު ބަދަލަށް ރައްޔިތުންގެ ފެންނަން ނުފެންނަ ވޯޓެވެ.

 

ޖުމްހޫރިއްޔަތަކަށް ބަދަލުވި ނަމަވެސް ތުރުކީގައި އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނަ ގޮތުގައި ހުރިހާ ބާރެއް ރައީސަށް ލިބުމުން ތުރުކީގެ ވެރިކަން ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވާނެއެވެ.

 

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލާން ޖެހުނު ގޮތާއި މެދު ހިނގި ހަމަނުޖެހުމެއްގައި އިރުމަތީގެ ޕްރޮވިންސް ދިޔަރްބާކިރުގައި ތިން މީހުން މަރުވެފައިވެއެވެ.

- ކޮމެންޓް