އިރާގުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 2200 ސިފައިން މި މަސް ތެރޭގައި އިރާގުން ބާލާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އިރާގު ގައި އެމެރިކާގެ 5200 ސިފައިން މިހާރު އެބަތިއްބެވެ. އިރާގުގައި އޮތް އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި މި ސިފައިން ހަރަކާތްތެރި ވަމުންދާއިރު މިއާއެކު އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 3000ށް މަދުވެގެންދާނެ އެވެ.
މި ނިންމުން ހާމަކުރަމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ޖެނެރަލް ފްރޭންކް ވިދާޅުވީ އިރާގު ސިފައިންނާ ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން އިރާގުގައި ތިބޭ އެމެރިކާ ސިފައިން މަދުކުރެވިގެންދާނެ ކަމަށް ޖެނެރަލް ވިދާޅުވިއެވެ.
އެމެރިކާ އާއި އިރާގުން ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިރާގު ގައި ތިބޭ އެމެރިކާ ސިފައިން މަދުކުރުމަށް އެއްބަސްވެފައެވެ. ކުރިއަށް އޮތް މަސްތަކުގައި އެކަން ކުރާނެ ކަމަށް އެމެރިކާ އިން އޭރު ބުނެފައިވީނަމަވެސް އެކަން ކުރާނެ ވަކި ޕްލޭނެއް އެކުލަވާލާފައެއް ނުވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ވެސް އަނބުރާ ގައުމަށް ގެންނާނެ ކަމަށެވެ.
2016 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމަށް އައުމަށް ކެމްޕެއިން ކުރެއްވިއިރު ވިދާޅުވެފައިވަނީ އެމެރިކާ ސިފައިން އެކި ގައުމުތަކުގައި ތިބެގެން ކުރިޔަށްގެންދާ ހަނގުރާމަތައް ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެހެންނަމަވެސް އަފްޣާނިސްތާން، އިރާގު، ސީރިޔާ ފަދަ ގައުމުތަކުގައި އަދިވެސް މަދުން ނަމަވެސް އެމެރިކާ ސިފައިން އެބަތިއްބެވެ.
މިދިޔަ މަހު އިރާގުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ޓްރަމްޕް ވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބާލާނެ ކަމަށް ޓްރަމްޕް މީގެކުރިން ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާފައެވެ.
އަނެއްކޮޅުން ބަލާއިރު އިރާގުގެ ގާނޫނު ހަދާ މަޖިލީހުން މިއަހަރުގެ ކުރީކޮޅު ވަނީ އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން އެ ގައުމުން ފޭބުމަށް ފާސްކޮށްފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ މިނިންމުމާއެކު އިރާގުގައި ތިބި އެމެރިކާ އާއި އެމެރިކާ އާ ގުޅިފައިވާ ފައުޖުތައް ވަނީ އެގައުމުން ފައިބަން ފަށާފައެވެ.