އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީން ހަދާނެހާ އެއްޗެއް ހަދަންދެން ބަލަހައްޓައިގެން ދެން ނުތިބޭނެކަމަށް ޙިޒްބުﷲން ބުނެފިއެވެ.
ޙިޒްބުﷲ ޖަމާޢަތުގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ މިހެން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުގެ ދެވަނައަށް އެންމެ އިސްވެރިޔާ ޞާލިޙް އަލް ޢަރޫރީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ނަޞްރުﷲ ވިދާޅުވީ، ޔަހޫދީން ލުބްނާނާ ދެކޮޅަށް ހަނގުރާމަކުރަން އުޅެފިނަމަ އެއްވެސް ޙައްދެއްނެތި ރައްދު ޙަމަލާވެސް ދޭނެކަމަށެވެ.
ޢަރޫރީ ޝަހީދުކޮށްލީ ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައެވެ. އެއީ ޔަހޫދީ އަސްކަރިއްޔާއާ ޙިޒްބުﷲއާ ދެމެދު ތިން މަސްދުވަސް ވަންދެން ޙަމަލާތައް ބަދަލުކުރުމަށްފަހު، ހަމަލާތައް މެދުކެނޑިފައި އޮތުމަށްފަހު ބެއިރޫތަށް ދިން ފުރަތަމަ ޙަމަލާއެވެ.
ޢަރޫރީ ޝަހީދުކޮށްލި ޙަމަލާއާ ގުޅިގެން ނަޞްރު ވިދާޅުވީ، ޔަހޫދީން ލުބުނާނަށް ޙަމަލާދީ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ކުރަން އުޅެފިނަމަ ހިޒްބުﷲން އެއްވެސް ޙައްދެއްނެތި ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭނެކަމަށެވެ. ހަނގުރާމަ ކުރުމަށް ވިސްނުމަށް ގެނައިނަމަވެސް އެކަމާ ފަހުން ދެރަވާނެ ކަމަށްވެސް ނަޞްރުﷲ ވިދާޅުވިއެވެ.
އީރާނުގެ އިރުދެކުނުގައިވާ ކަރްމާންގައި ދިން ބޮމުގެ ޙަމަލާއެއްގައި ޢާންމުންގެ 73 މީހުން މަރުވި މައްސަލައާމެދުވެސް ނަޞްރުﷲ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އެ ޙަމަލާއަކީ ސީދާ ޢާންމުންނަށް އަމާޒުކޮށްގެން ދިން ޙަމަލާއެއްކަމަށް ނަޞްރުﷲ ވިދާޅުވިއެވެ.
އީރާނުގައި ދިން ޙަމަލާތަކަކީ، އަވަހާރަ ކޮށްލާފައިވާ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަޤުބަރާ ކައިރިއަށް ޖަމާވި މީހުންނަށް ދިން ޙަމަލާތަކެކެވެ. ބޮންތައް ގޮއްވާލާފައި ވަނީ ސުލައިމާނީ އަވަހާރަވީތާ ހަތަރު އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އޭނާއަށް އިޙުތިރާމު އަދާކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު އެ މަޤުބަރާ ކައިރިއަށް ޖަމާވި ވަގުތެއްގައެވެ.