ރޯމާއަށް ކުޅެމުން އައި ސާބިއާގެ ޑިފެންޑަރު އަލެކްސަންޑަ ކޮލަރޯވް އިންޓަ މިލާނަށް ބަދަލުވިއިރު، ޗެކް ރިޕަބްލިކްގެ ޒުވާން ފޯވާޑް ޕެޓްރިކް ޝިކް ބަޔާ ލެވަކޫސެންއަށް ބަދަލުވެއްޖެއެވެ.
ރޯމާ ދޫކޮށް އުމުރުން 34 އަހަރުގެ ކޮލަރޯވް އިންޓައަށް ބަދަލުވީ 1.5 މިލިޔަން ޔޫރޯއަށެވެ. އޭނާ ވަނީ އިންޓައާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އިންޓައިން ބޭނުންވެއްޖެ ނަމަ، އެ އެއްބަސްވުމުގެ ދަށުން ކޮލަރޯވް އިތުރު އެއް އަހަރަށް އިންޓަގައި ބެހެއްޓުމުގެ ފުރުސަތު ލިބެއެވެ.
މީގެ ކުރިން ލާޒިއޯ އާއި މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައިވާ ކޮލޮރޯވް ރޯމާއާ ގުޅުނީ 2017 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރޯމާގައި ހޭދަކުރި ތިން ސީޒަނުގައި ކޮލޮރޯވް ވަނީ އެޓީމަށް 132 މެޗު ކުޅެދީ 19 ލަނޑު ކާމިޔާބުކޮށްފައެވެ.
ރޯމާއާއެކު ކޮލަރޯވްއަށް ބޮޑު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް، އޭނާ ވަނީ ސިޓީގައި ހޭދަކުރި ހަތް ސީޒަނުގައި އެޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ލާޒިއޯގައި ހޭދަކުރި ދުވަސްތަކުގައި ކޮލޮރޯވް ވަނީ އެޓީމާއެކު އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.
ރޯމާއިން ކޮލޮރޯވް ވިއްކާލިއިރު، އެޓީމުގެ ޒުވާން ފޯވާޑް ޕެޓްރިކް ޝިކްވެސް ވަނީ ވިއްކާލާފައެވެ. އެގޮތުން އުމުރުން 24 އަހަރުގެ ފޯވާޑް ލެވަކޫސެނަށް ބަދަލުވީ 26.5 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ ވަނީ ލެވަކޫސެންއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.
ޝިކް ލެވަކޫސެނަށް ބަދަލުވިއިރު، މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ކުޅެފައިވަނީ އާރްބީ ލެއިޕްޒީގަށެވެ. މީގެ ކުރިން ސަމްޑޯރިއާއަށްވެސް ކުޅުނު ޒުވާން ފޯވާޑް ވަނީ ޔުވެންޓަސްއަށް ބަދަލުވުމާ ގާތަށް ގޮސްފައެވެ. އެކަމަކު 2017 ވަނަ އަހަރު ޝިކް ޔުވެންޓަސްއަށް ބަދަލުވާން ހަމަޖެހިފައިވަނިކޮށް، އެ ކުލަބުން އޭނާ ދޫކޮށްލީ ހިތުގެ މައްސަލައެއް ހުރިކަން އެނގުމުންނެވެ. އެކަމަކު އެ މައްސަލަ ހައްލުވެ އޭނާ ރޯމާއާ އެފަހަރު ގުޅުނީ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ.
ޗެކް ރިޕަބްލިކްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޝިކް ވަނީ ރޯމާގައި ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް 58 މެޗު ކުޅެދީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޗެކް ރިޕަބްލިކްގެ ގައުމީ ޓީމަށް މިހާތަނަށް 22 މެޗު ކުޅެދީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.