ރާއްޖޭގެ އިންފްލޭޝަން 2.81 ޕަސެންޓަށް އުފުލިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކައިފިއެވެ.
އެރިޕޯޓުގައިވާ ގޮތުން، މަހުގެ އަގުތަކަށް އައިބަދަލު ނުލައި އިންފްލޭޝަން ރޭޓަށް އައި ބަދަލަށް ބަލައިފި ނަމަވަ އިންފްލޭޝަން ރޭޓް ހުންނާނީ 2.98 ޕަސެންޓުގައެވެ. ޖޫން މަހު އިންފްލޭޝަން ރޭޓް މައިނަސް 0.41 ޕަސެންޓުގައި ހުރި އިރު މަހުގެ އަގުތަކަށް އައި ބަދަލު ނުލައި ޖޫން މަހު އިންފްލޭޝަން ރޭޓް ހުރީ މައިނަސް 0.23 ޕަސެންޓުގައެވެ.
އެންބީއެސް އިން ފާހަގަ ކުރާގޮތުގައި 2019 ވަނަ އަހަރުގެ ޖުލައި އިން 2020 ވަނަ އަހަރުގެ ޖުލައި އާއި ހަމައަށް އިންފްލޭޝަން ރޭޓް ވަނީ މައިނަސް 1.10 ޕަސެންޓަށް ދަށަށް ގޮސްފައެވެ.
ޖުލައި މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ކަރަންޓާއި ފެނުގެ ހިދުމަތުގެ އިތުރުން މުވާސަލާތީ ޙިދުމަތްތަކާއި ދުންފަތާއި ތަރުކާރީ އަދި ފަށާ ތައުލީމާއި އިބްތިދާއި ތައުލީމުގެ ބައި ހިމެނޭ ކަމަށް އެންބީއެސްގެ ސީޕީއައި ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ވިޔަފާރި އާއި ސާނަވީ ތައުލީމުގެ ދާއިރާ އާއި އިންޓަނެޓާއި ބިސް އަދި ކިރުފަދަ ތަކެތީގެ އަގު ވެސް ވަނީ މައްޗަށް ގޮސްފައެވެ.
މި ރިޕޯޓުގައިވާ ގޮތުން، ޖުލައި މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މޭވާގެ ބާވަތްތަކާއި މަހުގެ ބާވަތްތަކާއި ގެ ކުއްޔާއި އެއްގަމު މަސް ހިމެނެއެވެ.