ކްރިސްޓިއާނޯ ރޮނާލްޑޯ 100 ލަނޑު ހަމަކުރި މެޗުން ސްވިޑެން އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޑެން އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ސްވިޑެންގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޕޯޗުގަލްގެ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޑެންގެ މިޑްފީލްޑަރު ގުސްޓާވް ސްވެންސަނަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑެއް ދައްކާފައެވެ. އެހެންކަމުން މެޗުގެ ބޮޑު ބައި ސްވިޑެންއިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުންނެވެ.
މެޗުގައި ޕޯޗުގަލްއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ޕޯޗުގަލަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ޖާޒީގައި 100 ލަނޑު ހަމަކޮށް، ގައުމީ ޓީމަށް 100 ލަނޑު ޖަހައިދިން ޔޫރަޕްގެ ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ދެވަނަ ހާފު ފަށައިގެން ޕޯޗުގަލުން އެޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިިއިރު، މެޗުގެ 72 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ ކްރޮއޭޝިއާ އަތުން ފަސޭހަކަމާއެކު 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ފްރާންސްގައި ކުޅުނު މި މެޗު ފަށައިގެން މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭޔާން ލޮވްރެންއެވެ. އެކަމަކު ފްރާންސުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެންތޮނީ މާޝިއަލްގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ފޯވާޑް އެންޓޮއިން ގްރީޒްމަނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާގެ ޑޮމިނިކް ލިވަކޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފްރާންސުން ވަނީ ލީޑު ނަގާފައެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯސިޕް ބްރެކަލޯއެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ފްރާންސުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު ގްރީޒްމަންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެޔޮޓް އުޕަމެކާނޯއެވެ. އަދި ފްރާންސުން މެޗުގައި ލީޑު ފުޅާކުރީ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޮލިވިއޭ ޖިރޫޑްއެވެ.
މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ތިނެއްގެ އެއްވަނައިގައި އޮތް ޕޯޗުގަލް އާއި ދެވަނައިގައި އޮތް ފްރާންސަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ސްވިޑެން އާއި ފުލުގައި އޮތް ކްރޮއޭޝިއާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން ލީގު އޭ ގްރޫޕް ދޭއްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބެލްޖިއަމް ވަނީ އައިސްލެންޑް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި މި ގްރޫޕްގައި ހިމެނޭ އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.