ލުބުނާންގެ ވެރިރަށް ބެއިރޫތްގެ ބަނދަރުމަތީ ސަރަޙައްދުގައި ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައި ނުގަނެވި އުޅެނިކޮށް، އެ ޤައުމުގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވެ، ވައިރަސްގެ ސަރޖެއް ކުރިމަތިވެއްޖެއެވެ.
ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ބޭރޫތު ގޮވުމުގެ ކުރިން ލުބުނާނުން ދިޔައީ އެ ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، އެކަށީގެންވާ މިނެއްގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަމުންނެވެ. އެހެން ނަމަވެސް، އެ ޤައުމުގައި މިހާރު ވައިރަސްގެ ސަރޖްތައް ފެންނަން ފަށާފައިވާ ކަމަށް ލުބުނާންގެ ސިއްޙީ އޮފިޝަލުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުން، އެ ޤައުމުން މިހާތަނަށް 20،000ށް ވުރެ ގިނަ މީހުން ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު، 200 މީހަކު ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.
ބީބީސީގައި އިތުރަށް ރިޕޯޓް ކޮށްފައިވާ ގޮތުން، ބޭރުތު ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގެ ގިނަ ހޮސްޕިޓަލުތައް ވަނީ ސުންނާފަތިވެފައެވެ. އެއާއެކު، އެ ޤައުމުގެ ސިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ވައިރަސް ފެތުރުން ހުއްޓުވުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތަކަށް ވެސް ބޭނުންޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބެއިރޫތު ބަނދަރުގައި ބާރުގަދަ އެއްޗެއް ގޮވި ޙާދިސާގެ ކުރިން ވެސް އެ ލުބުނާން އޮތީ އިޤްތިސާދީ އަނދަވަޅެއްގެ ތެރޭގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފަޤީރުކަމުގެ ނިސްބަތް ވެސް ފާއިތުވި އަހަރުތަކުގައި އިތުރުވެ، ލުބުނާނުގެ ފައިސާގެ އަގު ވެސް ވަނީ ބޮޑުތަނުން ވެއްޓިފައެވެ.
އޭގެ އިތުރުން، މި އަހަރު ނިމެންވާއިރަށް އދ ގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހި، އެތައް ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް އދ އިން ހުޅަނގު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. މި ހުރިހާ ސަބަބަކާ ހެދި، އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ކޮވިޑް-19 ގެ ބިރުވެރި ކަމަށް ވުރެ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.