ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނާއި ފައިނޭންސިންގ އަށް ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސް ކުރުމަށް އެދި ހުށައަޅުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ބުނީ ސެޕްޓެމްބަރު މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މި ފުރުސަތު ލިބިގެންދާނީ މިހާރު ވެސް ލޯނު ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓްގައިވާ މޮރޮޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސް ކޮށްދިނުމަށް ދެވަނަ ފަހަރަށް އެދި ހުށަހަޅޭނެ ކަމަށާއި މި ޕޯޓަލްގައި ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސް ކޮށްދެވޭނެ ލޯނުގެ ތަފްސީލާއި ލޯނަށް ފައިސާ ދައްކަން ޖެހޭ އަދަދުތައް ހިމެނިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދެވަނަ ފަހަރަށް ލޯނަށް އަނބުރާ ދައްކަން ޖެހޭ އަދަދުތަކުގެ ތަފްސީލް ވެސް ޕޯޓަލް އިން ފެންނާނެ ކަމަށާއި ލޯނު އަނބުރާ ދެއްކުން ދެވަނަ ފަހަރަށް ފަސް ކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން އެޕްރޫވްވުމާއެކު ޑިސެމްބަރު މަހާ ހަމަޔަށް ބޭންކަށް އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ފައިސާ ދައްކަން ފަށަން ޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު އަށެއް އޮކްޓޯބަރުން އަށެއް ނޮވެމްބަރަށް ހުޅުވާލެވޭނެ ކަމަށެވެ.
މީގެ އިތުރުން ލޯނަށް އަނބުރާ ދައްކަން ޖެހޭ ފައިސާ ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް ފައިސާ ދެއްކޭނެ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާ ދެއްކުން ފަސް ކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.
ބީއެމްއެލް އިން ވަނީ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސަށް ފައިސާ ދެއްކުން ފަސް ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ މައުލޫމާތު ބޭންކުން ފަހުން ހާމަކުރާނެ ކަމަށް ވެސް ބުނެފައެވެ.