ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 12:38
މީގެ ކުރިން ލިވަޕޫލްގައި މަސައްކަތް ކޮށްފައިވާ ޑރ. ޒަފް އިގްބާލް
މީގެ ކުރިން ލިވަޕޫލްގައި މަސައްކަތް ކޮށްފައިވާ ޑރ. ޒަފް އިގްބާލް
ގެޓީ އިމޭޖަސް
މަޙްލޫފަށް ޑރ. ޒަފްގެ ތާރީފުކުރުން
ޑރ. ޒަފްގެ ތާރީފު މަޙްލޫފަށް
ޑރ. ޒަފް ވަނީ ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަނެއް ނަގާދީފައި
ރާއްޖޭގައި ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ގާއިމުކުރުމަށް މަޙްލޫފް ކުރައްވަމުން ގެންދަވާ މަސައްކަތް ޑރ. ޒަފް ވަނީ ފާހަގަކުރައްވާފައި

ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސްގެ ޑރ. ޒަފް އިގްބާލް ތާރީފުކޮށްފިއެވެ.

މީގެ ކުރިން ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާގައިވެސް މަސައްކަތް ކޮށްފައިވާ ޑރ. ޒަފް މިހާރު މަސައްކަތް ކުރަމުންދަނީ ކްރިސްޓަލް ޕެލަސްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިންގެ މަގާމުގައެވެ. އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހުގެރޭ ޒޫމް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކުޅިވަރެއްގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަނެއް ނަގާދީފައެވެ. މި ސެޝަންގައި މަޙްލޫފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ގަައުމީ ޓީމުތަކުގެ ކުޅުންތެރިންނާއެކު ބޭއްވި ސެޝަން ފެށުމުގެ ކުރިން ޑރ. ޒަފް ވަނީ މަޙްލޫފްގެ މަސައްކަތްތައް އެންމެ ފުރަތަމަ ފެނިވަޑައިގަތީ ސޯޝަލް މީޑިއާއިން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އެންމެނަށް ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ގާއިމުކުރުމަށް މަޙްލޫފް ކުރައްވަމުން ގެންދަވާ މަސައްކަތް ފެނުމާއެކު، އެއީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރެވުނު ކަމަށް ޑރ. ޒަފް ވިދާޅުވިއެވެ. އަދި އެއާއެކު މަޙްލޫފާއެކު މަސައްކަތްކުރުމުގެ ޝައުގު އުފެދި، މިފަދަ ސެޝަނެއް ކުރިއަށް ގެންދިޔުމުގެ ޝައުގު ފާޅުކުރީ ކަމަށްވެސް ޑރ. ޒަފް ވިދާޅުވިއެވެ.

މި ސެޝަންގައި ޑރ. ޒަފް ހުށަހަޅައިދިން ޕްރެޒެންތޭޝަނުގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަޙްލޫފް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

މީގެ ކުރިން ކްރިކެޓް ކުޅުންތެރިންނާއެކުވެސް މަސައްކަތް ކުރި ޑރ. ޒަފްގެ ސެޝަން އިންތިޒާމުކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. މި ސެޝަންގައި ޑރ. ޒަފް ވަނީ ކޮވިޑް 19 ގެ ފުރަބަންދުގެ ހާލަތުގައި ފިޓްނަސް ދަމަހައްޓާނެ ގޮތް އެތުލީޓުންނަށް ކިޔާދީފައެވެ. އަދި ނިއުޓްރިޝަންސް އާއި، ކަސްރަތު ކުރާނެ ގޮތުގެ އިތުރަށް ފިޓްނަސްގެ ކަންކަން ބަލަހައްޓާނެ ގޮތްތައް ވަނީ ކިޔާދީފައެވެ.

މި ބައްދަލުވުމުގައި މަޙްލޫފް ވަނީ ޑރ. ޒަފްއަށް ޝުކުރުއަދާކުރައްވާ، އޭނާ ރާއްޖެ އައުމަށް ދައުވަތު ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް