ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 22:10
ސުނީތާ އަލީ
ރާއްޖެއެމްވީ
"ސުނީސް ސްޕެޝަލް" ލޮނުމިރުސް ތައްޔާރުކުރުން
ސުނީގެ ލޮނުމިރުސް ގަނޑު ވަރަށް ފައްކާ!
ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅުކަމަށް ސުނީ ބުނި
ލޮނުމިރުސް ތައްޔާރުކޮށްފައިވަނީ ދިވެހި ރަހަތަކާއި ގުޅޭގޮތަށް

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ "ސުނީސް ސްޕެޝަލް" ލޮނުމިރުސް ތައްޔާރު ކުރަމުން ގެންދާތާ ހަފްތާއެއްހާ ދުވަސް މިވަނީ ވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ސުނީ ބުނީ ލޮނުމިރުސް ތައްޔާރު ކުރަން ފަށާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން މުނިފޫހި ފިލުވުމުގެ ދާއިރާގައި ކުރަމުންދާ މަސައްކަތްތައް މަޑުޖެހިފައިވުމުން މަސައްކަތެއް ނެތި ހުންނަން ޖެހުމުން ކަމަށެވެ.

ކުޑައިރުން ފެށިގެން ވެސް ކެއްކުމަށް ޝައުގުވެރިކަން ހުންނަ ސުނީ ބުނީ އޭނާ އަލަށް ތައްޔާރު ކުރަން ފެށި ލޮނުމިރުހަކީ ދިވެހިންގެ ކުރީގެ ރަހަތަކާއި އެއްގޮތަށް ތައްޔާރު ކުރަމުންދާ ޕްރޮޑަކްޓެއް ކަމަށެވެ.

ވަރަށް ކުޑައިރުވެސް ކައްކާ ހަދަން. އެހެން ދާއިރާއަށްތާ މިދިަޔައީ، އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން ބޭނުންމެއް ނުވޭ، އެހެންވެ ލޮނުމިރުސް ތައްޔާރުކުރަންފެށީ
ސުނީތާ އަލީ

ސުނީ ތައްޔާރު ކުރާ ލޮނުމިރުހު ގައި އަޖިނަމޮޓޯ ބޭނުން ކޮށްފައި ނުވެއެވެ. އަދި ލޮނުމިރުސް ގަނޑު ތާޒާ ކަންމަތީ ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި އޭގައި ކާށި ހުނި ވެސް ހިމަނާފައެއް ނުވެއެވެ.

"ސުނީސް ސްޕެޝަލް" ލޮނުމިރުސް ޚާއްސަ ކޮށްފައިވާނީ ބާބެކިއު، ކުޅި ރިހަ އަދި ކުޅިމަސްފަދަ ތަކެތި ތައްޔާރު ކުރުމަށް ކަމަށް ސުނީ ބުންޏެވެ.

މީގެ އިތުރުން ވެސް ތަފާތު އެކި ކަހަލަ ކާނާ ތައްޔާރު ކުރާއިރު ރަހަ މީރު ކޮށްލުމަށް މި ޕްރޮޑަކްޓް ބޭނުން ކުރެވޭނެ ކަމަށް ސުނީ ބުންޏެވެ. ދުވާލެއްގެ މައްޗަށް 40 އާއި 50 ދެމެދުގެ އަދަދަކަށް އޯޑަރު އަންނަ ކަމަށާއި ތައްޔާރު ކުރަމުން ގެންދަނީ އޯޑަރު ލިބޭ ވަރަކުން ކަމަށް ސުނީ ބުންޏެވެ.

މި ޕްރޮޑަކްޓް މާލޭ އާއި ހުޅުމާލެ އަށް ހިލޭ ޑެލިވަރީ ކޮށްދޭކަން ފަހާގަކޮށް ކަސްޓަަރުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ފީޑްބެސް ސުނީ ވަނީ ފާހަގަ ކޮށްފައެވެ.

ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅު. އެންމެނަށްވެސް ވަރަށް ކަމުދޭ. އޯޑަރުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން
ސުނީތާ އަލީ

ލޮނުމިރުހުގެ އިތުރުން ސުނީ ދަނީ ކާށި ތެޔޮ ވެސް ތައްޔާރުކޮށް ވިއްކަމުންނެވެ.

އެގޮތުން ކާށިތެޔޮ އެންމެ ތާޒާކަން މަތީގައި ފޯރުކޮށްދިނުމަށްޓަކައި އޯޑަރު ލިބޭވަރަކުން ތައްޔާރު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. ސުނީގެ ތައްޔާރު ކުރާ މި ބާވަތްތަކީ އޭނާގެ އާއިލާ އާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތެއްކަން ވަނީ ފާހަގަކޮށްފައެވެ.

ކާށި ތެލާއި ލޮނުމިރުހުގެ އިތުރުން އިތުރުން ބާވަތްތައް ވެސް ވަރަށް އަވަހަށް ތައްޔާރު ކުރަން ފަށާނެ ކަމަށް ސުނީ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް