ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ފޯވާޑް ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒް މިހާރު ވަނީ ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސުއަރޭޒަށް އަހަރަކު 10 މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސުއަރޭޒް މިވަގުތު ބާސާގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި ބާސާއިން ސުއަރޭޒްގެ އެއްބަސްވުން އުވާލާނަމަ، 14 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ބާސާއިން ސުއަރޭޒް ވިއްކާނެ އަގު ކަނޑައެޅުމުގެ މަޝްވަރާ މިހާރު ކުރިއަށްދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން މީޑިއާތަކުން ވަނީ ސުއަރޭޒް ވިއްކާލުމަށް ބާސާއިން އަމާޒުހިފާފައިވަނީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، ބާސާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސުއަރޭޒް ވަނީ ދާދި ފަހުން އޭނާ ބާސާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންނުވާ ކަމަށް ބުނެފައެވެ. ސުއަރޭޒް ބުނީ ބާސާގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުން އެއީ މައްސަލައެއް ނޫން ކަމަށާއި، ބެންޗުގައި އިންނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި އުމުރުން ދޮށިވުމުން ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އޭނާއަށް އަދިވެސް ބާސާއަށް ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވެވޭނެ ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.
ޔުވެންޓަސްގެ އިތުރުން ސުއަރޭޒް ހޯދުމަށް އޭނާ ކުރީގެ ކުލަބު އަޔަކްސްއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ސުއަރޭޒް އެންމެ ފުރަތަމަ އަޔަކްސްއާ ގުޅުނީ 2007 ވަނަ އަހަރުއެވެ. އަޔަކްސްގައި ހޭދަކުރި ހަތަރު ސީޒަންގައި ސުއަރޭޒް ވަނީ އެކުލަބަށް ކުޅެދިން 159 މެޗުން 111 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު 2010 ވަނަ އަހަރު ސުއަރޭޒް ބަދަލުވީ ލިވަޕޫލަށެވެ. ލިވަޕޫލާއެކުވެސް އޭނާ ހަތަރު ސީޒަން ހޭދަކުރިއިރު، ސުއަރޭޒް ވަނީ ލިވަޕޫލަށް ކުޅެދިން 133 މެޗުގައި 82 ލަނޑު ކާމިޔާބުކޮށްފައެވެ.
ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށެވެ. އޭނާ މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސުއަރޭޒް ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.