ހަމައެކަނި ޓޫރިސްޓުންނަށް ގެސްޓްހައުސްތައް ހުޅުވާލައިގެން ދެކޮޅުނުޖެހޭނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ގޭމްގެ އެކްސްކޯ މެމްބަރެއް ކަމަށްވާ އިބްރާހިމް ޝިފާހް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޮކްޓޯބަރު 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައިވާއިރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނާންނާނެކަމަށެވެ. ބުކިންތައް ހަދަން ފަށާފައި ވީނަމަވެސް، ގިނަ އަދަދެއްގެ ބުކިންތައް ހަދަނީ، ޑިސެމްބަރު، ޖެނުއަރީ އަދި ފެބްރުއަރީއަށް ކަމަށް ޝިފާހް ފާހަގަކުރިއެވެ.
ޝިފާހް ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ގެސްޓްހައުސްތަކަށް ހުއްދަ ދިނުމަށް ގައިޑްލައިނެއް ތައާރަފްކުރާނެ ކަމަށް މިނިސްޓްރީ އިން ބުނި ނަމަވެސް އަދި އެގައިޑްލައިން އެކުލަވާލައި އާންމުކޮށްފައި ނުވާކަމަށެވެ. މިނިސްޓްރީ އާއި ގުޅައިގެން މި ކަމުގެ ވާހަކަ ހިއްސާކޮށްފައި ވާނެ ކަމަށާއި، ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުނެފައިވާ ކަމަށްވެސް ޝިފާހް ވިދާޅުވިއެވެ.
ގައިޑްލައިން އެކުލަވާލާއިރުވެސް ދިމާވެދާނެ މައްސަލަތަކާމެދު މިނިސްޓްރީ އާއި އެކު މަޝްވަރާކުރަން ބޭނުންވާ ކަމަށާއި މިނިސްޓްރީ އާއި ބައްދަލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޝިފާހް ފާހަގަކުރެއްވިއެވެ.
މީގެ އިތުުރުން، ގެސްޓްހައުުސްތައް ރަށްރަށުގައި ހުޅުވުމަށް ކައުންސިލްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފަހާގަކޮށް، ޝިފާހް ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ ފަދަ ތަންތަނުން ބާރު ނާޅާކަމުގައި ވާނަމަ ގެސްޓްހައުސްތައް ހުޅުވުމަށް ދަތިވާނެ ކަމަށެވެ. އަދި ރަށަށް ފަތުރުވެރިން ގެންނަން ރައްޔިތުން ބޭނުންނުވާ ކަމަށްބުނެ، ގެސްޓްހައުސްތައް ހުޅުވުމަށް ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޝިފާހް ވިދާޅުވިއެވެ.
ޝިފާހް ވަނީ މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި ގެސްޓްހައުސްތައް ނުހުޅުވި ލަސްވާކަމުގައި ވާނަމަ، މިހާރު ހުރި ދަތިތަކަށް ވުރެ އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ފާހަގަކޮށްފައެވެ. އެގޮތުން، ގެސްޓްހައުސްތަކުގެ ފެން އަދި ކަރަންޓް ބިލްތައް ދެއްކުން ނޮވެމްބަރު މަހަށް ފަސް ކޮށްދީފައި ވީނަމަވެސް، އޮކްޓޫބަރުގައި ނުހުޅުވިއްޖެ ނަމަ އެ ބިލްތައް ދެއްކުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ޝިފާހް ވިދާޅުވިއެވެ.
ރާއްޖޭގެ ގެސްޓްހައުސް ތަކަކީ ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް މަގުބޫލު ތަންތަނެވެ. އެހެން ކަމުން ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހު، ޓެސްޓު ނެގަޓިވްވުމުން ގެސްޓްހައުސްތަކަށް އާދެވޭ ގޮތަށް މިފަދަ ނިޒާމެއްގެ ދަށުން ދިވެހިންނަށްވެސް ގެސްޓްހައުސްތަކަށް ދެވޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއް ކަމަށް ޝިފާހް ވިދާޅުވިއެވެ. މިހާރުވެސް ގެސްޓްހައުސްތަކަށް ދާން ބޭނުންވެފަ އެތައް ދިވެހިންނެއް އެބަ ތިބި ކަމަށް ޝިފާހް ފާހަގަކުރެއްވިއެވެ.