އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސްގެ ޑޮކްޓަރު ޑރ. ޒަފް އިގްބާލް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަނެއް ނަގައިދީފިއެވެ.
މީގެ ކުރިން ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާގައިވެސް މަސައްކަތް ކޮށްފައިވާ ޑރ. ޒަފް މިހާރު މަސައްކަތް ކުރަމުންދަނީ ކްރިސްޓަލް ޕެލަސްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިންގެ މަގާމުގައެވެ.
އާދީއްތަ ދުވަހުގެރޭ ޒޫމް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކުޅިވަރެއްގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއެކު ކުރިއަށްގެންދިޔަ މި ސެޝަންގައި 180 ށްވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ ކުރިން ކްރިކެޓް ކުޅުންތެރިންނާއެކުވެސް މަސައްކަތް ކުރި ޑރ. ޒަފްގެ ސެޝަން އިންތިޒާމުކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. މި ސެޝަންގައި ޑރ. ޒަފް ވަނީ ކޮވިޑް 19 ގެ ފުރަބަންދުގެ ހާލަތުގައި ފިޓްނަސް ދަމަހައްޓާނެ ގޮތް އެތުލީޓުންނަށް ކިޔާދީފައެވެ. އަދި ނިއުޓްރިޝަންސް އާއި، ކަސްރަތު ކުރާނެ ގޮތުގެ އިތުރަށް ފިޓްނަސްގެ ކަންކަން ބަލަހައްޓާނެ ގޮތްތައް ވަނީ ކިޔާދީފައެވެ.
މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ޑރ. ޒަފްއަށް ޝުކުރުއަދާކުރައްވާ، އޭނާ ރާއްޖެ އައުމަށް ދައުވަތު ދެއްވާފައެވެ.
ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަނެއް ބޭއްވިއިރު، ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުތަކުން ވަނީ ފަރިތަކުރުންތައް މެދުކަނޑާލާފައެވެ. އެހެންކަމުން މިއީ މިފަދަ ދަނޑިވަޅެއްގައި ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ވަރަށް މުހިންމު ސެޝަނެއް ކަމަށް ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ބުނެފައެވެ.