ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ދުނިޔޭގެ އެއްވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޑިސްކޮލިފައި ކޮށްފިއެވެ.
މިފަހަރުގެ ޔޫއެސް އޯޕަންއަކީ ކޮވިޑް-19 ގެ ބްރޭކަށްފަހު ފެށި ފުރަތަމަ ޓެނިސް މުބާރާތެވެ. މި މުބާރާތުގައި ޖޮކޮވިޗް ވާދަކުރަމުން އައިރު، އޭނާ ޑިސްކޮލިފައި ކުރީ އާދީއްތަ ދުވަހުގެރޭ ކުޅުނު ހަތަރުވަނަ ބުރުގެ މެޗުގައެވެ.
ސްޕެއިންގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގެ ތެރެއިން ޖޮކޮވިޗް ފަހަތަށް ޖެހި ބޯޅައެއް ވަނީ ލައިން ޖަޖެއްގެ ގައިގައި ޖެހިފައެވެ. ޖޮކޮވިޗް ފޮނުވާލި ބޯޅަ އޭނާގެ ފަހަތުގައި އިން އަންހެން ލައިން ޖަޖުގެ ކަރަށް އަމާޒުވިއިރު، އެ ޖަޖު އަނިޔާވެގެން ވެއްޓުނެވެ. އެއާއެކު ޖޮކޮވިޗް ވަނީ އެ ލައިން ޖަޖުގެ ކައިިރިއަށް ގޮސް އޭނާގެ ހާލު ބަލާފައެވެ.
އެކަމަކު މެޗުގެ އަމްޕަޔަރުންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، ޖޮކޮވިޗް ގަސްތުގައި ލައިން ޖަޖެއްގައި ބޯޅައިން ޖެހިކަމަށް ނިންމާ، އަމްޕަޔަރުން ވަނީ ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރަން ނިންމާފައެވެ.
އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭންޑް ސްލޭމްގެ ގަވާއިދުގައިވާ ގޮތުން ގަސްތުގައި އެހެން މީހެއްގެ ގައިގައި ބޯޅައިން ޖެހުމަކީ ވަރަށް ގިނަ ގޮތްގޮތުން ބެލިޔަސް ގޯސްކަމެއް ކަމަށާއި، އެހެންކަމުން ގަވާއިދުގައިވާ އެންމެ ހަރުކަށި އަދަބު އޭނާއަށް ދޭން ނިންމީ ކަމަށެވެ. އަދި ޑިސްކޮލިފައިކުރުމާއެކު ޖޮކޮވިޗް ޔޫއެސް އޯޕަން މުބާރާތުގައި ހޯދާފައިވާ ހުރިހާ ރޭންކިންގ ޕޮއިންޓާއި، އެ މުބާރާތުގައި ހޯދާފައިވާ ފައިސާގެ އިނާމުވެސް ގެއްލޭނެ ކަމަށް ވަނީ ބުނެފައެވެ.
ޑިސްކޮލިފައި ކުރުމާ ގުޅިގެން ޖޮކޮވިޗް ވަނީ އިންސްޓަގްރާމްގައި ހިއްސާކުރި ބަޔާނެއްގައި ބުނީ އެއީ އޭނާ ގަސްތުގައި ލައިން ޖަޖުގައި ޖަހަން ފޮނުވާލި ބޯޅައެއް ނޫން ކަމަށާއި، އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި މިއީ އޭނާއަށް ލިބުނު ފިލާވަޅެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ޖޮކޮވިޗް ވަނީ ބުނެފައެވެ.
ޔޫއެސް އޯޕަންއިން ޖޮކޮވިޗް ޑިސްކޮލިފައި ކުރިއިރު، އޭނާ އަދި މިހާތަނަށް މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު 26 މެޗުންވެސް ޖޮކޮވިޗް މޮޅުވެފައިވާއިރު، އޭނާ ވަނީ މިއަހަރުގެ ކުރީކޮޅު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އެ މުބާރާތާއެކު ޖޮކޮވިޗް ވަނީ 17 ގްރޭންޑް ސްލޭމް މުބާރާތް މިހާތަނަށް ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ ޔޫއެސް އޯޕަންއިން ޖޮކޮވިޗް ޑިސްކޮލިފައި ކުރިއިރު، މި މުބާރާތުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނުކުޅެއެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް އާއި ރޮޖާ ފެޑެރާވެސް ހިމެނެއެވެ.