ޔުއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޔޫކްރޭން އަތުން ފަސޭހަކަމާއެކު ސްޕެއިން މޮޅުވެއްޖެއެވެ.
ލީގު އޭ ގްރޫޕް ހަތަރެއްގައި ހިމެނޭ ޔޫކްރޭން އަތުން ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
އާދީއްތަ ދުވަހުގެރޭ ސްޕެއިންގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކުރި ޕެނަލްޓީން އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ޕެނަލްޓީއަކީ ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފަޓީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޑެނިއެލް އޮލްމޯ ހުރަސްކޮށްދިން ބޯޅައަކުން ސްޕެއިނަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ރާމޯސްއެވެ.
ސްޕެއިންގެ ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުންމީދީ ތަރި ފަޓީއެވެ. މިއީ އުމުރުން 17 އަހަރުގެ ފަޓީ ސްޕެއިނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މި ލަނޑާއެކު ފަޓީ ވަނީ ސްޕެއިނަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސްޕެއިނުން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭސްއެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވި ނަމަވެސް، މި ގްރޫޕްގައި ހިމެނޭ ޖަރުމަން ކުޅުނު މެޗުން އެޓީމު ވަނީ ސްވިޒަލެންޑާ އެއްވަރުވެފައެވެ.
ސްވިޒަލެންޑްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަތިއަސް ގިންޓާގެ އެހީއާއެކު އިލްކާއި ގުންޑޮގާންއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބްރީލް އެމްބޯލޯގެ އެހީއާއެކު މި ލަނޑު ސްވިޒަލެންޑަށް ކާމިޔާބުކޮށްދިނީ ސިލްވަން ވިޑްމާއެވެ.
މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނައިގައި އޮތީ ސްޕެއިނެވެ. ސްޕެއިނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ޖަރުމަނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.