ހޮންކޮންގެ މަޖިލީސް އިންތިހާބުގެ ގަވާއިދަށް ބަދަލު ގެނަސް މަޖިލީސް އިންތިހާބު ފަސްކުރުމާއި، ގުޅިގެން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން އައި މުޒާހަރާ ހުއްޓުވުމަށް ހޮންކޮންގް ފުލުހުން އާންމުންގެ ތެރެއަށް އަލިފާން ބޯޅަ އުކައިފިއެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ހޮންކޮންގްގެ މަޖިލީސް އިންތިހާބު ފަސްކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. ކުރިން އޮތް ގޮތުންނަމަ މަޖިލީސް އިންތިހާބު ބާއްވަން ޖެހޭނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހެވެ.
ހޮންކޮންގްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާ ހުއްޓާލުމަށް ފުލުހުން ވަނީ ތަކުރާރު ކޮށް އެދިފައެވެ. ނަމަވެސް ފުލުހުންގެ އެންގުންތަކަށް ކިޔަމަން ނުވެ އިދިކޮޅުން މުޒާހަރާ ކުރުމާއި ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންށް އަލިފާން ބޯޅަ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އުކައިފައެވެ. އަދި މި މުޒާހަރާގައި 300ށްވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
މުޒާހަރާގައި ބައިވެރިވެ ހުރި އުމުރުން ދުވަސްވީ ފަރާތަކުން ބުނީ މިއަދަކީ އެ މީހުން ވޯޓުލާން ޖެހޭ ދުވަސް ކަމަށާއި، ވޯޓު ލުމުގެ ހައްގު އެމީހުނަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެގައުމުގައި މީގެ ކުރިން ވެސް ބަސް ބުނަނީ އާންމު ރައްޔިތުން ކަމަށް އޭނާ ބުންޏެވެ.
ހޮންގްކޮންގް އަކީ 1997 ވަނަ އަހަރުން ފެށިގެން ޗައިނާގެ ބާރުގެ ދަށުގައިވާ ގައުމެކެވެ. އަދި އެ ގައުމުން އަންނަނީ ޗައިނާގެ ނިންމުންތަކަށް ފުރިހަމަ އަށް ތަބާވަމުންނެވެ.