ފްރާންސްގައި ކުރިޔަށް އޮތް ދެ ހަފްތާ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވާނެތީ އެކަމަށް ސަމާލުކަން ދިނުމަށް ފްރާންސްގެ ހެލްތު މިނިސްޓަރ އޮލިވިއަރ ވީހަން އެދިވަޑައިގެންފި އެވެ.
ބީއެފްއެމް ޓީވީއަށް ދެއްވި އިންޓަރވިއުގައި ވީހަން ވަނީ އައު ލޮކްޑައުންއަކަށް ނުދާނެކަމަށް ވިދާޅުވެފައެވެ. އައު ލޮކްޑައުން އަކަށް ނުގޮސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށާއި ޓެސްޓިންގ ވެސް އިތުރުކުރާނެ ކަމަށް ވީހާން ވިދާޅުވިއެވެ.
ހުކުރު ދުވަހު ފްރާންސްގެ 8975 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އެއީ މާރޗް މަހުގެ 31 ވަނަ ދުވަހުގެ ޕީކުކަމުގައިވާ 7578ށް ވުރެ 1500 ގިނަ އަދަދެކެވެ.
ފްރާންސްގައި މިހާތަނަށް އައިރު މި ވައިރަސް ޖެހިގެން 30،686 މީހުން ވަނީ މަރުވެފަ އެވެ.
ފްރާންސަށް ދެ ވަނަ ވޭވެއް އައިސްފައިވާއިރު އަލަށް ވައިރަސް ޖެހެމުންދަނީ ގިނައިން ޒުވާނުންނަށެވެ. އަދި އެމީހުންގެ ހާލަތު އެހާގޯސް ނުވުމުގެ ސަބަބުން މާރޗް މަސް ނިމުނު ހިސާބުގައި އެގައުމުގެ ހާލަތު ދިޔަ ހިސާބަށް މިފަހަރު ހާލަތު ދާނެ ކަމަކަށް ނުބެލެވެ އެވެ.
އެހެންނަމަވެސް މިފަހަކުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ.
މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް އައިސީޔޫގައި 55 މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް ވީހާން ވިދާޅުވި އެވެ. އަދި މަހެއްގެ މައްޗަށް 1500 އާއި 2000 އާ ދެމެދުގެ އަދަދަށް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ވީހާން ވިދާޅުވިއެވެ.
އަދި މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވެމުންދަނީ މީގެ ދެ ހަފްތާ ކުރިން ވައިރަސް ޖެހިފައިވާ މީހުންކަމަށް ވީހާން ވިދާޅުވިއެވެ. އެހެންކަމަށް ވުމާއެކު ކުރިޔަށް އޮތް ދެ ހަފްތާގައި އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާނެ ކަމަށާއި ނަމަވެސް އެގައުމުގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުންނަށް ވައިރަސް ޖެހި އެޑްމިޓްކުރަން ޖެހޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވީހާން ވިދާޅުވިއެވެ.