ކްރޮއޭޝިއާ އަތުން ޔުއެފާ ނޭޝަނަލް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭ ޕޯޗުގަލުން އެޓީމުންކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު ޑިފެންޑަރު ޖޮއާއޯ ކަންސެލޯއެވެ.
އަދި ދެވަނަ ހާފު ފަށައިގެން ޕޯޗުގަލުން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ރަފައެލް ގުއެރޭރޯގެ އެހީއާއެކު ޖަހައިދިނީ ޑިއޯގޯ ޖޮޓާއެވެ. އަދި 70 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ދިން ޕާހަކުން ޕޯޗުގަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ތަރި ޔާއޯ ފެލިކްސްއެވެ.
މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ފެނިގެންދިޔައިރު، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބްރޫނޯ ޕެޓްކޮވިޗް ވަނީ ކްރޮއޭޝިއާއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އަންދްރޭ ސިލްވާއެވެ.
މީގެ އިތުރުން މި ގްރޫޕްގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ ހޮނިހިރު ދުވަހުގެރޭ ސްވިޑެން އަތުން 1-0 ން މޮޅުވެފައެވެ.
ސްވިޑެންގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ފްރާންސުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ކީލިއަން އެމްބާޕޭއެވެ.
އަދި މި މެޗުގެ އިތުރު ވަގުތުގައި ފްރާންސަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ފްރާންސްގެ އެންތަނީ މާޝިއަލްއަށް ސްވިޑެންގެ ވިކްޓަ ލިންޑެލޯފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.