ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ބެލްޖިއަމް މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ލީގު އޭ ގްރޫޕް ދޭއްގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވީ އައިސްލެންޑް އަތުން ފަހުވަގުތު 1-0 ގެ ނަތީޖާއަކުންނެވެ.
އައިސްލެންޑްގައި ކުޅުނު މި މެޗު އިންގްލެންޑުން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް، އެޓީމަށް މުޅި މެޗުގައިވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާއަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
އައިސްލެންޑުން މުޅި މެޗުގައިވެސް ޑިފެންސިވް ގޭމެއް ކުޅުނުއިރު، އެޓީމުން ވަނީ މެޗު ނިމުމަކާ ގާތަށް އިންގްލެންޑް ހުއްޓުވާފައެވެ. އެކަމަކު މެޗުގެ 89 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އައިސްލެންޑްގެ ސްވެރީ އިންގީ އިންގަސަންގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ވަނީ އިންގްލެންޑަށް ޕެނަލްޓީއެއް ދީފައެވެ. އަދި ރެފުރީ ވަނީ އިންގަސަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
އިންގްލެންޑަށް ލިބުނު މި ޕެނަލްޓީ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް ރަހީމް ސްޓާލިންއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ނަތީޖާ އެއްވަރުކުރުމަށް އައިސްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އައިސްލެންޑްގެ ހޯމްބާޓް އަރޮން ފްރިޖޯންސަންއަށް އިންގްލެންޑްގެ ޑިފެންޑަރު ޖޯ ގޯމޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އައިސްލެންޑްގެ ބިރްކިރް ބިއާނަސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑި މަތިންނެވެ.
މީގެ އިތުރުން މި ގްރޫޕްގައި ހިމެނޭ ބެލްޖިއަމް ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ޑެންމާކް އަތުން 2-0 ންނެވެ.
ޑެންމާކުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޑްރީސް މާޓެންސްގެ އެހީއާއެކު ބެލްޖިއަމަށް ލީޑު ނަގައިދިނީ ޖޭސަން ޑެނަޔާއެވެ. އަދި މެޗުގައި ބެލްޖިއަމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ޔޫރީ ޓިއެލެމަންސްގެ އެހީއާއެކު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ މާޓެންސްއެވެ.
ޑެންމާކް އަތުން ބެލްޖިއަމް މޮޅުވިއިރު، ބެލްޖިއަމުން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެފައެވެ.
މީގެ އިތުރުން ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ލީގު ސީ ގްރޫޕް އެކެއްގައި ހިމެނޭ ލަގްޒަމްބާގް ވަނީ އަޒަރުބައިޖާން އަތުން 2-1 ން މޮޅުވެފައެވެ. އަދި ހަމަ މި ގްރޫޕްގައި ހިމެނޭ މޮންޓެނީގްރޯ ވަނީ ސައިޕްރަސް އަތުން 2-0 ން މޮޅުވެފައެވެ.