އާރްބީ ލެއިޕްޒީގަށް ކުޅެމުން އައި ޖަރުމަންގެ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާ ޗެލްސީއަށް ވަދަލުވީ މެންޗެސްޓާ ސިޓީއަށް ނޫނެކޭ ބުނުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 24 އަހަރުގެ ވާނާގެ ސޮއި ޗެލްސީން ހޯދީ މިދިޔަ ޖޫން މަހުގެ މެދުތެރޭގައެވެ. އެގޮތުން ލެއިޕްޒީގާއެކު ވާނާ ހަދާފައި އޮތް އެއްބަސްވުން އުވާލަން ޗެލްސީން 50 މިލިޔަން ޔޫރޯ ދެއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗެލްސީއާއެކު ވާނާ ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުން ވާނާއާށް ޗެލްސީގައި އަހަރަކު 10 މިލިޔަނަށް ވުރެ ގިނަ ޔޫރޯ ލިބޭނެއެވެ.
ޒުވާން ފޯވާޑް ޗެލްސީއާ ގުޅުނުއިރު، އޭނާ ހޯދުމަށް މީގެ ކުރިން ސިޓީން ވަނީ މަސައްކަތް ކޮށްފައެވެ. ޖަރުމަންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވާނާ ޗެލްސީއަށް ބަދަލުވުމުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ވާނާއަށް ގުޅާފައެވެ. އެކަމަކު ގާޑިއޯލާގެ ހުށަހެޅުން ވާނާ ގަބޫލުނުކުރަން ނިންމީ، ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނެކަން ޔަގީންނުވުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ވާނާ ޗެލްސީއަށް ބަދަލުވިއިރު، ސިޓީގެ އިތުރުން އޭނާ ހޯދުމަށް މީގެ ކުރިން އިންޓަ މިލާނާއި، ބާސެލޯނާ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުންވެސް ވަނީ މަސައްކަތްކޮށްފައެވެ. މީގެ ތެރެއިން ވާނާ އަށް އެންމެ ބޮޑަށް ފާރަލީ ލިވަޕޫލުންނެވެ.
އެގޮތުން މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ވާނާ ބުނި ނަމަވެސް، ލިވަޕޫލުން ވަނީ ކޮވިޑް-19 ގެ މި ހާލަތުގައި އެ ވަރުގެ އަގެއް އިތުރު ފޯވާޑަކަށް ޚަރަދުކުރަން ބޭނުންނުވާ ކަމަށް ބުނެ، އަގު ކުޑަކުރަން ހުށަހަޅާފައެވެ. އެކަމަކު ލެއިޕްޒީގުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
ވާނާ އަންނަ ސީޒަނަށް ޗެލްސީއަށް ބަދަލުވިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ، އެގޮތުން ވާނާ ވަނީ މިދިޔަ ސީޒަނުގައި ލެއިޕްޒީގަށް 45 މެޗުން 34 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޗެލްސީން އައު ސީޒަނަށް ވާނާގެ ސޮއި ހޯދިއިރު، ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާތަނަށް އެ ކުލަބުން ވަނީ ހަތް ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ ބަޔާ ލެވަކޫސެނަށް ކުޅެމުން އައި ޖަރުމަންގެ ޒުވާން ތަރި ކައި ހަވާޓްޒް އާއި، ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކް އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާއެވެ.