ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 22:19
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ރާއްޖެއެމްވީ
ކޮވިޑް-19 ރިކަވަރީ ސްކީމް
ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 783.5 މިލިއަން ރުފިޔާ ދޫކޮށްފި
ބީއެމްއެލް އިން ދޫކޮށްފައި ވަނީ 520.2 މިލިއަން ރުފިޔާ
އެސްޑީއެފްސީ އިން ދޫކޮށްފައި ވަނީ 263.3 މިލިއަން ރުފިޔާ
މިލޯނުތައް ދައްކަން ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބޭ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި 783.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތަކަށް 520.2 މިލިއަން ރުފިޔާ އަދި 7.5 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެގޮތުން ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި 556 ފަރާތުން ފޯމު ލާފައިވާ އިރު، އެޕްރުވްކޮށްފައި ވަނީ 397 ފޯމެވެ. އަދި 365 މީހުންނަށް ލޯނު ދޫކޮށްފައިވާ އިރު، 17 ފޯމެއް ވަނީ ރިޖެކްޓު ކޮށްފައެވެ.

ބީއެމްއެލް އިން ދޫކުރާ ލޯނުތަކަކީ ރިސޯޓް ތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކެވެ. މި ލޯނުތައް ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއި އެކުއެވެ.

މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހަ އިންސައްތައިގެ އިންޓްރެސްޓް އާއި ހަ މަސް ދުވަހުގެ ގެރޭސް ޕީރިއެޑަކާއި އެކު ދޫކުރާ ލޯނުތައް މިހާތަނަށް 1,600 ފަރާތަކަށް ވަނީ ދޫކޮށްފައެވެ. މިއީ 263.3 މިލިއަން ރުފިޔާއެވެ.

އެގޮތުން އަމިއްލަ މަސައްކަތް ކުރާ 478 ފަރާތަކަށް 14.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ކުދި އަދި މެދު ފަންތީގެ 1,122 ވިޔަފާރިއަކަށް 248.9 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީ އިން ވަނީ ދޫކޮށްފައެވެ. މި ލޯނުތައް ދެއްކުމަށް ވެސް ތިން އަހަރު ދުވަސް ލިބިގެންދެއެވެ.

- ކޮމެންޓް