ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 18:18
ރަން ފޯ މޯލްޑިވްސްގެ ޕޯސްޓަރެއް: ދުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
ރަން ފޯ މޯލްޑިވްސްގެ ޕޯސްޓަރެއް: ދުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
ޔުނިކްސް ސްޕޯޓިންގެ
ރަން ފޯ މޯލްޑިވްސް
ރަން ފޯ މޯލްޑިވްސް ބޭއްވުމުގެ މަގުސަދަކީ ރާއްޖެ ޕްރޮމޯޓް ކުރުން: ޝަރީފް
މި ދުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ވާޗުއަލް ދުވުން ކަމަށްވާ "ރަން ފޯ މޯލްޑިވްސް" ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ފަތުރުވެރިކަން ކުރިއަރުވާ ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށް ދުވުން އިންތިޒާމް ކުރާ ޔުނިކްސް ސްޕޯޓިންގެ މެނޭޖިންގ ޑިރެކްޓަރު ރޭޝަން ޝަރީފް ވިދާޅުވެއްޖެއެވެ.

ޔުނިކްސް ސްޕޯޓިންއިން އިންތިޒާމުކޮށްގެން ބާއްވާ މި ދުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

"ރާއްޖެ.އެމްވީ" އާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މައި ބަދައަކީ ފަތުރުވެރިކަން ކަމަށާއި، ދުނިޔޭގެ ފަތުރުވެރިކަން ފާހަގަކުރާ ދުވަހު މި ދުވުން ބާއްވަން ނިންމީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން މިދަނޑިވަޅު ހީނަރުވެފައި ވާތީ އެކަން ބަދަލުކޮށް، ރާއްޖެ ޕްރޮމޯޓް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ވިދާޅުވީ މި ދުވުމަށް މިހާރު ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި، އެގޮތުން ނަން މަޝްހޫރު 20 ރިސޯޓަކުން ދުވުން ސްޕޮންސާ ކޮށްފައިވާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި ދުވުމުގެ ޕާޓްނަރުންގެ ގޮތުގައި ތެލެސީމިއާ ސެންޓަރާއި، ރެޑް ކްރޮސެންޓް ހިމެނޭ ކަމަށާއި، ދުވުން ބާއްވައިގެން ލިބޭ ފައިސާގެ ބޮޑު އިންސައްތައެއް ތެލެސީމިއާ ސެންޓަރަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ތެލެސީމިއާ ކުދިންގެ ބޯން މެރޯ ހެދުމަށް ބޭނުންވާ ކަންކަން ކުރުމަށާއި، ލޭ އަޅަން ގެންގުޅޭ ކަށި ގެނައުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މި ދުވުމުން ބާއްވައިގެން ލިބޭ ފައިސާއިން ބައެއް ރެޑް ކްރޮސެންޓަށްވެސް ދިނުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރަން ފޯ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ދިވެހިންނަށް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދުވުމުގައި ބައިވެރިވެވޭނެއެވެ. އަދި ބޭރު މީހުންނަށް އެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެބ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މައުލޫމާތުދެއެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު www.runformaldives.com އިން ލިބޭނެއެވެ.

އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ވަނީ އެކުލަވާލާފައެވެ. އެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރާއި، 15 ކިލޯމީޓަރާއި، 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެންބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ.

ދުވުމުގެ ބައިވެރިންނަށް ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި، ގޭގައި ޓްރެޑްމިލްގައި ނުވަތަ މަގުމަތީގައިވެސް ދުވެ ޗެލެންޖް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެއްޔެއް ލިބޭއިރު، ބައިވެރިންގެ ތެރެއިން ހޮވާ ނަސީބުވެރި 10 މީހަކަށް ޔުނިކްސް ސްޕޯޓްސްގެ ޕާޓްނާ ހޮޓެލް ނުވަތަ ރިޒޯޓުތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޔުނިކްސް ސްޕޯޓިންއިން ރަން ފޯ މޯލްޑިވްސް އިންތިޒާމުކުރާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ "ސަނީ ސައިޑް އޮފް މޯލްޑިވްސް" އިން ވަނީ މި ދުވުން އެންޑޯސް ކޮށްފައެވެ.

- ކޮމެންޓް