ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން "ސްޕޮޓްނިކް ވީ" އިންސާނުންނަށް ޓެސްޓް ކުރުމަށް ކުރިޔަށް ގެންދިޔަ ފުރަތަމަ މަރުހަލާގެ ނަތީޖާތައް ރަނގަޅުކަމަށް އެކަން ދިރާސާ ކުރި މެޑިކަލް ގްރޫޕެއް ކަމުގައި ލެންސެޓުން ބުނެފިއެވެ.
ސްޕޮޓްނިކް ވީ އަކީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ވެކްސިނެވެ. އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެ ގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ މިވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާކަން އިއުލާން ކުރައްވާފައެވެ. ރަޝިޔާ އިން މާއަވަހަށް ވެކްސިނެއް ނެރުމުން ހުޅަނގުގެ ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވެކްސިން ޓެސްޓް ކުރުމަށް ކުރިޔަށް ގެންދިޔަ ކުޑަކުޑަ ޓްރެއަލްގައި ބައިވެރިވި ހުރިހާ އެންމެންގެ ހަށިގަނޑުންވެސް ވައިރަސްއަށް އެންޓިބޮޑީޒް އުފައްދާފައިވާ ކަަމަށާއި އެއްވެސް މީހެއްގެ ފުށުން ވެކްސިންގެ ސަބަބުން ނޭދެވޭ އަސަރެއް ފެނިފައިނުވާ ކަމަށް މިޓެސްޓްގެ ނަތީޖާތައް ރިވިއުކުރި މެޑިކަލް ޖަރނެލްއެއް ކަމުގައިވާ ލެންސެޓުން ބުނެއެވެ.
ޓެސްޓްތައް ކުރިޔަށް ގެންދިޔަ 76 މީހުންގެ ފުރަތަމަ ފޭސްގެ ނަތީޖާއަށް ބަލާއިރު ވެކްސިނަކީ ބޭނުން ކުރުމަށް ރަނގަޅު ވެކްސިނެއްކަން 42 ދުވަސް ތެރޭގައި ދެނެގަނެވިފައިވެއެވެ. އަދި އެމީހުންގެ ހަށިގަނޑުގައި ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީޒް އުފައްދެމަށް 21 ދުވަސް ވަނީ ހޭދަވެފައެވެ.
މީގެއިތުރުން ނަތީޖާ ދިރާސާ ކުރި ލެންސެޓުން ބުނެފައިވަނީ ވެކްސިނުން 28 ދުވަސް ތެރޭގައި އެމީހުންގެ ހަށިގަނޑުގައި ޓީ ސެލް އުފައްދާދީފައިވާ ކަމަށެވެ. އެހެންކަމުން ރަޝިޔާ އިން އުފެއްދި މި ވެކްސިނުން އިންސާނާގެ ހަށިގަނޑުގައި 28 ދުވަސް ތެރޭގައި ޓީ ސެލް އުފައްދާނެ ކަމަށް ދިރާސާ ކުރި މީހުން ބުނެއެވެ.
މި ވެކްސިން އުފައްދާފައިވަނީ ދެ ބައެއް ބޭނުން ކޮށްގެންނެވެ. މީގެތެރެއިން އެއް ބަޔަކީ އާންމުކޮށް ވެކްސިން ޖެހުމުން ހުން އައުމާއި ރޯގާޖެހުން ފަދަ ކަންކަން ދިމާވާ ބައެކެވެ. ނަމަވެސް މި ވެކްސިންގައި އިތުރު ބައްޔެއް އިންސާނުންނަށް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ވަނީ ބުނެފައެވެ.
ވެކްސިން އުފައްދެމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އާ ކޮރޯނާ ވައިރަސްގެ އެހެން ބާވަތްތަކުން ހަށިގަނޑު އެއްކޮށް ދިފާއު ކުރެވޭ ވަރަށް އެންޓި ބޮޑީސް އާއި ޓީ ސެލްތައް އުފައްދައި ދިނުމެވެ. އޭގެ ސަބަބުން ހަށިގަނޑު ތެރޭގައި އެވައިރަސް އަށް ހަމަލާދީ، ވައިރަހުގެ ސަބަބުން ގެއްލުންވެފައިވާ ސެލްތަކަށް ހަމަލާދެއެވެ.
ވެކްސިންގެ އަނެއް ބައިގެ ސަބަބުން ހަށިގަނޑުގައި ޕްރޮޓިން އުފައްދައިދޭ މިންވަރު އިތުރު ކޮށްދެއެވެ. މީގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކޮވިޑް-19 ދެނެގަނެ ވައިރަސް އަށް ހަމަލާދިނުމަށް ފަސޭހަ ވެގެންދެއެވެ.
ރަޝިޔާގެ ވެކްސިން ގެ ޓްރެއަލްތައް ކުރިޔަށް ގެންގޮސްފައިވަނީ ދެ ހޮސްޕިޓަލެއްގައެވެ. ޓްރެއަލްގައި ބައިވެރިވެފައިވަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު މީހުންނެވެ. އަދި މި މީހުން ވަނީ ޓްރެއަލްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށްފަހު ހޮސްޕިޓަލްގައި 28 ދުވަސް ވަންދެން ތިބެފައެވެ.
ޓްރެއަލްގެ ފޭސް 1 ގައި ވެކްސިންގެ އުފެއްދުމަށް ބޭނުން ކުރި ދެ ބައިގެ ތެރެއިން ވެސް ބައެއް ވަނީ ދީފައެވެ. ނުވަ މީހުންގެ މައްޗަށް އެކުލެވޭ ހަތަރު ގްރޫޕަށް ވެކްސިންގެ މިބައި ވަނީ ދީފައެވެ.
ފޭސް 2 ފަށާފައިވަނީ ފޭސް 1 ގެ ޓްރެއަލް ފެށިތާ ފަސް ދުވަސް ފަހުންނެވެ. މި ފޭސްގައި ކޮންމެ މީހަކަށްވެސް ވެކްސިން ގެ ދެ ބައި އެއްކޮށް ވަނީ ދީފައެވެ.
ލެންސެޓް ގްރޫޕުން ބުނެފައިވާ ގޮތުގައި މި ދެ ބާވަތުގެ ޓެސްޓްގައި ކޮންމެ ޓެސްޓެއްގައި ވެސް 20 މީހުން ވަނީ ބައިވެރިކޮށްފައެވެ. އަދި ޓްރެއަލް ކުރިޔަށް ގެންދިޔަ 42 ދުވަހުގެ ތެރޭގައި ވެކްސިން ވަނީ އެއީ ބޭނުންކުރަން ރަނގަޅު ވެކްސިނެއްކަމަށް ދައްކައިދީފައި ކަމަށް އެ ގްރޫޕުން ބުނެއެވެ.
އެ ގްރޫޕުން ބުނާ ގޮތުގައި މި ޓްރެއަލް ކުރިޔަށް ގެންދިޔައީ 42 ދުވަހުގެ މުއްދަތަށް ވެފައި ފޭސް 1 ގެ ޓްރެއަލް ގެ ބައެއް ކަންކަމުގައި ބޭނުން ކޮށްފައިވަނީ ހަމައެކަނި ފިރިހެނުން ކަމަށްވުމުން މި ދިރާސާ އެންމެ ފުރިހަމައެއް ނުވެއެވެ.
މީގެއިތުރުން ވެކްސިން އިތުރަށް ދިރާސާ ކުރުމަށް އެކި އުމުރު ފުރައިގެ އެކި އާބާދީތަކަށް ވެކްސިން ދީގެން އޭގެން ފެންނަ އަސަރު ދެނެގަންނަން ޖެހޭ ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެކިއެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާއި ރިސްކު ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ މީހުންނަށް ވެކްސިން ދީގެން ޓްރެއަލްތައް ކުރިޔަށް ގެންދަންޖެހޭ ކަމަށް ލެންސެޓުން ވަނީ ބުނެފައެވެ.
މޮސްކޯގެ ގަމަލެޔާ އިންސްޓްޓިއުޓަށް ދިރާސާގެ ކުރިޔަށް އޮތް ފޭސް ތިނެއްގެ ކްލިނިކަލް ޓްރެއަލް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ވަނީ ލިބިފައެވެ. އަދި މިޓްރެއަލްގައި އެކި އުމުރުފުރައިގެ، ރިސްކް ގްރޫޕްތަކުގައި ހިމެނޭ 40،000 ވޮލަންޓިއަރުން ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންދަނީ 178ށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 34 ވެކްސިން ވަނީ އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށައިފައެވެ. އަދި 8 ވެކްސިން ވަނީ މިހާރު ތިން ވަނަ ސްޓޭޖުގައެވެ.