ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 15:31
ނަޕޯލީއަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރު އެލަން
ނަޕޯލީއަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރު އެލަން
ގެޓީ އިމޭޖަސް
އެލަން އެވަޓަންއަށް ބަދަލުވުން
ނާޕޮލީގެ މިޑްފީލްޑަރު އެލަން އެވަޓަންއަށް
އެވަޓަންއިން އެލަންގެ ސޮއި ހޯދީ 22 މިލިޔަން ޕައުންޑްގެ އަގަކަށް
އެލަން ވަނީ އެެވަޓަންއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައި

ނަޕޯލީއަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރު އެލަން އެވަޓަންއަށް ބަދަލުވެއްޖެއެވެ.

އެވަޓަންއިން އެލަންގެ ސޮއި ހޯދީ 22 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި އެލަން ވަނީ އެެވަޓަންއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

އުމުރުން 29 އަހަރުގެ އެލަން އެވަޓަންއަށް ބަދަލުވިއިރު، މީގެ ކުރިން އެވަޓަންގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ނާޕޮލީގައި އެލަންއަށް އިރުޝާދު ދީފައެވެ. އެވަޓަންއަށް ބަދަލުވުމަށްފަހު އެލަން ބުނީ އެ ކުލަބާ ގުޅުނީ އަންޗެލޮޓީއާ ވާހަކަދެއްކުމަށްފަހު، އައު ޗެލެންޖެއް ނެގުމަށް ކަމަށެވެ. އަދި އެވަޓަންއަށް ސޮއިކުރެވުނީތީ އުފާކުރާ ކަމަށާއި، ބޭނުމަކީ އަންޗެލޮޓީއާއެކު އެވަޓަންގައި ރަނގަޅު މަސައްކަތްތަކެއް ކުރުން ކަމަށްވެސް އެލަން ބުންޏެވެ.

ބްރެޒިލްގެ ވަސްކޮ ޑަ ގާމާއިން ކެރިއަރު ފަށައި އިޓަލީގެ އުދިނޭޒީއަށްވެސް ކުޅެފައިވާ އެލަން އަކީ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ނާޕޮލީއާ ގުޅުނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެެވެ. އެގޮތުން ނާޕޮލީއަށް އެލަން ކުޅެދިން 212 މެޗުގައި ވަނީ 11 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެލަން ވަނީ ނާޕޮލީއާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ އެލަން ވަނީ ބްރެޒިލްގެ ޖާޒީގައި މިހާތަނަށް ނުވަ މެޗު ކުޅެދީފައެވެ. އަދި ވަނީ ބްރެޒިލްއާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެވަޓަންއިން އެލަންގެ ސޮއި ހޯދިއިރު، އެޓީމުން އަންނަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްގެ ސޮއި ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. ހަމޭސް ވަނީ އަންޗެލޮޓީއާއެކު ރެއާލް މެޑްރިޑާއި ބަޔާން މިއުނިކުގައި މަސައްކަތްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް