ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 03:12
އާސެނަލަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސް
އާސެނަލަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސް
ގެޓީ އިމޭޖަސް
ސެބާޔޯސް އާސެނަލްގައި މަޑުކުރުން
ސެބާޔޯސް އަންނަ ސީޒަނުގައިވެސް ފެންނާނީ އާސެނަލުން
ރެއާލް މެޑްރިޑްގެ ލޯނެއްގެ ދަށުން ސެބާޔޯސް ވަނީ މިދިޔަ ސީޒަނުގައި އާސެނަލަށް ކުޅެފައި
ސެބާޔޯސް އަކީ މިދިޔަ ސީޒަނުގައި އާސެނަލަށް އެންމެ މޮޅަށް ކުޅުނު އެކަކު

ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސް އަންނަ ސީޒަނުގައިވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ރެއާލް މެޑްރިޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ސެބާޔޯސް އާސެނަލަށް ކުޅުނުއިރު، ސީޒަން ނިމުމާއެކު އާސެނަލުން ވަނީ ލޯނުގެ މުއްދަތު އިތުރު ކުރުމަށް މަސައްކަތް ފަށާފައެވެ.

އެގޮތުން ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި އާސެނަލުން ވަނީ ސެބާޔޯސް އަންނަ ސީޒަނުގައިވެސް އެ ޓީމަށް ކުޅޭނެކަން ކަށަވަރުކޮށްދީފައެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިދިޔަ ސީޒަނުގައި އާސެނަލްގެ މެދުތެރޭގައި ސެބާޔޯސް މުހިންމު ދައުރެއް އަދާކުރި ކަމަށާއި، އޭނާ މިދިޔަ ސީޒަން ނިންމާލީ ރަނގަޅު ފޯމެއްގައި ހުރެގެން ކަމަށެވެ. އަދި ސެބާޔޯސް އަކީ ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިއެއް ކަމަށާއި، އަންނަ ސީޒަނުގައިވެސް ސެބާޔޯސް އާސެނަލްގައި މަޑުކުރުމަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށްވެސް އާޓެޓާ ބުންޏެވެ.

ސެބާޔޯސް އަކީ މިދިޔަ ސީޒަނުގައި އާސެނަލްގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާއެވެ. އެންމެ ފުރަތަމަ ޓީމުން ޖާގަ ހޯދަން އުނދަގޫވި ނަމަވެސް، އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރިއިރު، ސެބާޔޯސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ސެބާޔޯސް ވަނީ މިދިޔަ ސީޒަނުގައި އާސެނަލަށް 37 މެޗު ކުޅެދީފައެވެ. އަދި ސްޕެއިން ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ސެބާޔޯސް ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި ނުވަ މެޗު ކުޅެދީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އަންނަ ސީޒަނުގައި ސެބާޔޯސް އާސެނަލްގައި މަޑުކުރިއިރު، އެޓީމުން ވަނީ އަންނަ ސީޒަނަށް އައު ދެ ކުޅުންތެރިއެއްގެ ސޮއި މިހާތަނަށް ހޯދާފައެވެ. އެއީ ޗެލްސީއަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ވިލިއަން އާއި ލިލްއަށް ކުޅެމުން އައި ބްރެޒިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސްއެވެ.

މީގެ އިތުރުން އާސެނަލުން ވަނީ ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ބަދަލުވި ފްލެމިންގޯގެ ޑިފެންޑަރު ޕަބްލޯ މަރީގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް