ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 02:43
އިޓަލީ އާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
އިޓަލީ އާއި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ނޭޝަންސް ލީގު
އިޓަލީ އެއްވަރު، ނެދަލެންޑްސްއަށް މޮޅެއް
އިޓަލީ އާއި ބޮސްނިއާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ޕޮލެންޑް އަތުން ނެދަލެންޑްސް މޮޅުވީ 1-0 ން

ޔުއެފާ ނޭޝަންސް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އިޓަލީ އާއި ބޮސްނިއާ އެއްވަރުވިއިރު، ޕޮލެންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެއެވެ.

ނޭޝަންސް ލީގުގެ އައު ސީޒަން ފެށީ ބުރާސްފަތި ދުވަހުގެރޭއެވެ. ހުކުރު ދުވަހުގެރޭ ލީގު އޭ ގްރޫޕް އެކެއްގައި ހިމެނޭ އިޓަލީ އާއި ބޮސްނިއާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޓަލީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ޓޯނީ ސުންޖިކްގެ އެހީއާއެކު ރޯމާއަށް ކުޅެމުން އަންނަ ފޯވާޑް އެޑިން ޒެކޯ ވަނީ ބޮސްނިއާއަށް ލީޑު ނަގައިދީފައެވެ.

އެކަމަކު ބޮސްނިއާއަށް ލީޑު ހިފަހައްޓާލެވުނީ 10 މިނެޓަށެވެ. މެޗުގައި އިޓަލީން ނަތީޖާ އެއްވަރުކުރީ 67 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނިއޭގެ އެހީއާއެކު ސްޓެފާނޯ ސެންސީ ކާމިޔާބުކުރި ލަނޑުންނެވެ.

ނެދަލެންޑްސް އާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނެދަލެންޑްސް މޮޅުވީ 1-0 ން

މީގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އެންމެ ފަހުގެ ރަނަރަޕް ޓީމު ކަމަށްވާ ނެދަލެންޑްސް ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ޕޮލެންޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ނެދަލެންޑްސްގައި ކުޅުނު މި މެޗު އެޓީމުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މުޅި މެޗުގައިވެސް ނެދަލެންޑްސްގެ ގޯލާ އަމާޒުކޮށް ޕޮލެންޑަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ފޮނުވާލި ހަމަލާއެއް ވަނީ ޕޮލެންޑްގެ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނެދަލެންޑްސްއިން ކާމިޔާބުކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ހާންސް ހާޓެބޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ފޯވާޑް ސްޓީވެން ބާގްވެއިންއެވެ.

ނޭޝަންސް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ލީގު ބީ ގްރޫޕް އެކެއްގައި ހިމެނޭ އޮސްޓްރިއާ ވަނީ ނޯވޭ އަތުން 2-1 ން މޮޅުވެފައެވެ. އަދި ހަމަ މި ގްރޫޕްގައި ހިމެނޭ ރޫމޭނިއާ އާއި ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް