ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 02:11
ޗެލްސީއަށް ބަދަލުވި ޖަރުމަންގެ ޒުވާން ތަރި ކައި ހަވާޓްޒް އާއި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް
ޗެލްސީއަށް ބަދަލުވި ޖަރުމަންގެ ޒުވާން ތަރި ކައި ހަވާޓްޒް އާއި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް
ގެޓީ އިމޭޖަސް
ހަވާޓްޒް ޗެލްސީއަށް ބަދަލުވުން
ލެވަކޫސެންގެ ޒުވާން ތަރި ހަވާޓްޒް ޗެލްސީއަށް
ޗެލްސީން ހަވާޓްޒްގެ ސޮއި ހޯދީ 71 މިލިޔަން ޕައުންޑްގެ އަގަކަށް
ހަވާޓްޒް ވަނީ ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހޯދާފައި
ހަވާޓްޒް އަކީ ޗެލްސީގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ

ބަޔާ ލެވަކޫސެނަށް ކުޅެމުން އައި ޖަރުމަންގެ ޒުވާން ތަރި ކައި ހަވާޓްޒް ޗެލްސީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 20 އަހަރުގެ ހާވާޓްޒް އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ. ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ހަވާޓްޒް ވަނީ ޗެލްސީގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ހަވާޓްޒްގެ ސޮއި ހޯދީ 71 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި ހަވާޓްޒް ވަނީ ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހޯދާފައެވެ.

ޗެލްސީން ހަވާޓްޒް ހޯދުމަށް 71 މިލިޔަން ޕައުންޑް ޚަރަދުކުރުމުން، އޭނާ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޗެލްސީން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މިދިޔަ އަހަރު ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ގަތުމަށެވެ. ކެޕާއަށް ޗެލްސީން ވަނީ 71.6 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ.

ލެވަކޫސެން ދޫކޮށް ހހަވާޓްޒް ޗެލްސީއަށް ބަދަލުވިއިރު، ޒުވާން މިޑްފީލްޑަރު ވަނީ ލެވަކޫސެންގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް 150 މެޗު ކުޅެދީ 46 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ ޖަރުމަންގެ ގައުމީ ޓީމަށް މިހާތަނަށް ހަތް މެޗު ކުޅެދީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއަށް ހާވާޓްޒް ބަދަލުވިއިރު، އެޓީމަށް ހަވާޓްޒް ހޯދައިދިނުމަށް ޖަރުމަން ކުރީގެ ތަރި މައިކަލް ބަލަކް މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަލަކަކީ ލެވަކޫސެންގެ އިތުރުން ޗެލްސީއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން ހަވާޓްޒް އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ބަދަލުވި ހަތްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޗެލްސީން ވަނީ ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކް އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް