ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް މި ވަނީ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި، ނެޓްފްލިކްސް އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި އަހަރުގެ ކުރީކޮޅުގައި ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް ވަނީ މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށްޓަކައި އިނގިރޭސި ޝާހީ އާއިލާގެ ލަގަބުތަކާއި މަސައްކަތްތަކުން އެކަހެރި ވެވަޑައިގެންފައެވެ.
ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުން ދާދި ފަހުން ޕްރިންސް ހެރީ އާއި މޭގަން ވަނީ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި އެ ޕްރޮޑަކްޝަނުން ޑޮކިއުމެންޓްރީ އާއި ފިލްމު އަދި ސްކްރިޕްޓެޑް ޝޯތައް އުފެއްދާ ގޮތަށް ނެޓްފްލިކްސް އާއެކު މަޝްވަރާ ކުރެވިފައެވެ،
ޝާހީ އާއިލާއާ ވަކިވުމަށް ފަހު ހޮލީވުޑް އަށް އެނބުރި ނުދާނެ ކަމަށް މޭގަން މީގެކުރީން ހާމަކޮށްފައި ވީ ނަމަވެސް ހެރީ އާއި މޭގަން ނެރުއްވި ބަޔާނެއްގައި އެ ޕްރޮޑަކްޝަނުން އުފައްދާ ކޮންޓެންޓުތަކަކީ އާއިލާތަކާ ގުޅޭ ކޮންޓެންޓްތަކަށް ވާނެ ކަމަށް ބުނެފައިވެއެވެ.