ނ. ކެނދިކުޅުދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
ކެނދިކުޅުދޫ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކުންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. ބިން އެއްވަރުކުރުމުގެ މަސައްކަތަށް ދެ މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، ޓާފް އެޅުމުގެ މަސައްކަތަށް 4.2 މިލިޔަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ހުކުރު ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ކެނދިކުޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވާފައެވެ. އަދި ވަޒީރު ވަނީ މި މަސައްކަތަށް ކެނދިކުޅުދޫ ކައުންސިލާއި، އެ ރަށުގެ ޒުވާނުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން ވަޒީރު ވަނީ ވަރަށް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ލ. ގަމާއި ފުވައްމުލައް ސިޓީގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ. ކެނދިކުޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލިއިރު، މީގެ ކުރިން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. އަދި ކ. ގުރައިދޫ އާއި، އައްޑޫ ސިޓީ ހުޅުދޫ އާއި، ނ. ކުޑަފަރީ އަދި ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.