ޒަމާނުއްސުރެ ފުޓްބޯޅައިގައި އެންމެ ވާދަވެރިކަން ބޮޑު ދެ ކުލަބަކީ ކޮބައިހޭ އަހައިފިނަމަ ބުނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވާހަކައެވެ. އެންމެ ގިނަ ކާމިޔާބީ ހޯދި ދެ ކުލަބޭ އެހިޔަސް ބުނާނީ ހަމަ މި ދެ ކުލަބުގެ ވާހަކައެވެ. އަދި އެންމެ މޮޅު ކުޅުންތެރިން އެކި ދުވަސްވަރުގައި ފެނިގެންދިޔައީ ކޮން ކުލަބުތަކަކުންތޯ އެހިޔަސް ދައްކާނީ ހަމަ މި ދެ ކުލަބުގެ ވާހަކައެވެ.
ދައްކަން މިއުޅެނީ ދާދި ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ސްޕެއިންގެ ގަދަ ބާރު ބާސާ ބޮޑު ތަފާތަކުން ބަލިވި މެޗަށްފަހު، ރެއާލުން ބާސާގެ ދިފާއުގައި ނުކުތް ވާހަކައެވެ. ލަދުވެތި ގޮތަކަށް 8-2 ގެ ނަތީޖާއަކުން ބަލިވުމާއެކު މުޅި ދުނިޔޭގައި އެވާހަކަ ފަތުއަޑުގައި ދެކެވެން ފެށިއެވެ. އެއާއެކު ބާސާގެ ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރީ ހީވެސްނުކުރާހާ ބޮޑަށެވެ. ވަކިން ހާއްސަކޮށް ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް މިކަމުން ކުރި އަސަރު އަދި ވަކިން ބޮޑެވެ.
މި މެޗަށްފަހު ދުނިޔޭގެ އެކި މީޑިއާތަކުގައި ބާސާގެ ވާހަކަތައް ލިޔަން ފެށިއެވެ. ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވޭ ވާހަކަ އާއި ކޯޗު ކަމުނުދާ ވާހަކައެވެ. ގޭމް ޕްލޭނެއް ނެތި އެހާ ބޮޑު މެޗަކަށް ނުކުތް ވާހަކައެވެ.
މިހުރިހާ ކަމަކަށްވެސް ވަރުގަދަ ރައްދެއްދީ ބާސާގެ ދިފާއުގައި ނުކުތީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެ މީހުންނަށް ރައްދު ދެމުން ރާމޯސް ބުނީ މިއީ ފުޓްބޯޅަ ކަމަށާއި، އެންމެ މެޗަކުން ބޮޑު ތަފާތަކުން ޓީމެއް ބަލިވުމުން އެޓީމަކީ ދެރަ ޓީމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ބާސާއަކީ ފަޚުރުވެރި ތާރީޚެއް އޮތް ވަރުގަދަ ކުލަބެއް ކަމަށާއި އެކަން ތާރީޚުން ހެކި ދޭނެ ކަމަށެވެ.
ރާމޯސް އިތުރަށް ބުނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ބަޔާން ފެންނަނީ އެހެން ޓީމުތަކަށްވުރެ ތަފާތުކޮށް ކަމަށާއި، ނަމަވެސް ބާސާ އެހާ ފަސޭހައިން ބަލިކުރެވުނީ އެޓީމު މިވަގުތު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ.
މިއީ ކޮންމެ ކުލަބަކަށްވެސް އައިސްދާނެ ހާލަތެއް. އެއްވެސް ކުލަބަކަށް އެއް ލެވެލެއްގައި އަބަދަކު ޕާފޯމެއް ނުކުރެވޭނެ. ބާސާއަށް މިހާރު ފާޑުކިޔަމުން އަންނަ މީހުންނަކީ ފުޓްބޯޅަ ނުދަންނަ ބައެއް. ފުޓްބޯޅައަކީ އެއް ކުލަބު އަނެއް ކުލަބަކަށް ދޭން ޖެހޭ އިހުތިރާމް ދީގެން ކުޅެމުން އަންނަ ކުޅިވަރެއް. އެކަން ސަޕޯޓަރުންވެސް ދަސްކުރަންޖެހޭ.ސާޖިއޯ ރާމޯސް
މިހާ ހިސާބުން އަދި ރާމޯސް ނިންމާލީއެއް ނޫނެވެ. ބާސާގެ ތަރި މެސީއާ ވެސް އެއްކޮޅުވީއެވެ. ޓީމަށް ދިމާވި ހިތްދަތި ހާލަތުގައި ބާސާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން މެސީ ނިންމި ނިންމުމާއެކު ރާމޯސް ވަނީ އޭނާގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާމޯސް ބުނީ މެސީ އަކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ސްޕެނިޝް ލީގަކީ ދުނިޔޭގައި މިވަގުތު ކުޅެމުން އަންނަ އެންމެ ބޮޑު އަދި ވަރުގަދަ ލީގު ކަމަށެވެ. އެހެން ކަމުން މެސީ ބާސާ ދޫކޮށްދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރާމޯސް ބުންޏެވެ.
މެސީ ބާސާ ދޫކޮށްލާ ވާހަކަ ދައްކާންވީ އެއްވެސް ސަބަބެއް ނޭނގޭ. ސްޕެނިޝް ލީގުގައި މެސީ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އިތުރަށް ސާބިތުކޮށްދޭން ނުޖެހޭނެ. ސްޕެނިޝް ލީގަކީ އެންމެ ވަރުގަދަ ލީގު. ވޭތުވެދިޔަ 10 އަހަރު ތެރޭގައި ޔޫރަޕްގެ އެންމެ ވަރުގަދަ ދެ މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދައިފައިވަނީ ސްޕެނިޝް ލީގުގެ ކުލަބުތަކުން.ސާޖިއޯ ރާމޯސް
ރާމޯސްގެ އިތުރުން ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްވެސް ވަނީ މެސީގެ ދިފާއުގައި ވާހަކަދައްކާފައެވެ. މީގެކުރިން ބަލޮންޑޯ އެވޯޑުވެސް ހޯދާފައިވާ މޮޑްރިޗް ބުނީ މެސީ ބާސެލޯނާ ދޫކޮށް ގޮސްފިނަމަ، އެކަން ވެގެންދާނީ ސްޕެނިޝް ލީގުގެ ހައިބަތަށްވެސް އަސަރުކުރާނެ ކަމެއް ކަމަށެވެ. ހަމައެހެންމެ ސްޕެނިޝް ލީގުގައި މެސީއާއެކު ވިދާލި ކްރިސްޓިއާނޯ ރޮނާލްޑޯވެސް އެ ލީގު ދޫކޮށްލާފައިވަނިކޮށް މެސީ ދިއުމުން ލީގުގެ މަގުބޫލުކަން ކުޑަވާނެ ކަމަށްވެސް މޮޑްރިޗް ބުންޏެވެ.
ދާދި ފަހުން މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. އެކަމާ ގުޅިގެން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީގެ ބައްޕަ ޖޯޖް މެސީ އާއި އޭނާގެ އޭޖެންޓާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. އެ ބައްދަލުވުމަށްފަހު މީޑިއާއިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ އަންނަ ސީޒަނުގައި މެސީ ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.
ވާދަވެރި ބާސާ އާއި އެ ކުލަބުގެ ކެޕްޓަންގެ ދިފާއުގައި ރެއާލްގެ ކުޅުންތެރިން ނުކުތްއިރު، މިކަމަކީ ދުނިޔޭގެ ގިނަ ކުލަބުތަކަށް މިސާލަކަށް ވަނީ ވެގެން ގޮސްފައެވެ. ދަނޑުމަތީގައި ކިތަންމެ ވާދަވެރިކަމެއް އޮތް ނަމަވެސް ދަނޑުން ބޭރުގައި ފުޓްބޯޅަ ކުޅުންތެރިންނަކީ ހަމަ އެއްބައެއްކަން ރެއާލުން ވަނީ ސާބިތުކޮށްދީފައެވެ.