ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 22:49
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް
ގެޓީ އިމޭޖަސް
ރެއާލްގައި ބޭލްގެ ކުރިމަގު
ރެއާލް ދޫކޮށްލަން ބޭނުންވި، އެކަމަކު ކުލަބުން އެކަމަށް ހުރަސް އަޅާ: ބޭލް
މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބޭ
މިދިޔަ އަހަރު ޗައިނާގެ ޖިއާންސޫ ސަނިންއަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް، ރެއާލުން އެ ޑީލް ހުއްޓުވި
ރެއާލާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ރެއާލް މެޑްރިޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން މަސައްކަތްކުރި ކަމަށާއި، އެކަމަކު އެކަން ނުވީ ރެއާލުން އެކަމަށް ހުރަސް އެޅުމުން ކަމަށް ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ބުނެފިއެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ބޭލް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ޓޮޓެންހަމް ހޮޓްސްޕާވެސް ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު މުސާރައިގެ ގޮތުގައި ހަފުތާއަކު އެއް މިލިއަން ޕައުންޑް ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިންއަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް، ރެއާލުން އެ ޑީލް ހުއްޓުވިއެވެ.

ދާދި ފަހުން ބޭލް ބުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އޭނާ އަށް ރަނގަޅު ޓީމަކުން އޮފާ އެއް ލިބުނު ކަމަށާއި، އަދި އެ ކްލަބަށް ބަދަލުވާން ބޭނުންވި ކަމަށެވެ. އަދި އެކަމާ ގުޅިގެން ރެއާލްގެ މެނޭޖުމަންޓާ ވާހަކަ ދެއްކި ކަމަށާއި، އެކަމަކު ކުލަބުން އެކަމަށް ހުރަސް އެޅި ކަމަށް ބޭލް ބުންޏެވެ.

އަދި ބުނީ ފުޓްބޯޅަ އަކީ އޭނާގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް ކަމަށާއި، ކޮންމެ ކުލަބަކަށް، ކޮންމެ ހާލަތެއްގައި ކުޅެން ޖެހުނު ކަމުގައި ވިޔަސް ކުޅުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި ރެއާލްއާއެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށާއި، ރެއާލްގެ ސްކޮޑުން ޖާގަ ހޯދުމަށް އަދިވެސް ބޭނުންވާ ކަމަށް ބޭލް ވަނީ ބުނެފައެވެ.

ބޭލް އިތުރަށް ބުނީ އަންނަ ސީޒަނުގައި ރެއާލް ނޫން ޓީމަކުން އޭނާ ފެނުން ދުރު ކަމަށާއި، އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން ހުށަހެޅުމެއް ލިބިއްޖެނަމަ އެ ހުށަހެޅުމަކާ މެދު ވިސްނާނެ ކަމަށެވެ.

ރެއާލަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ. އެކަމަކު މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބެއެވެ.

އެގޮތުން މި ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. މީގެ ކުރިން ރެއާލްގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލްއާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލްއަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް