ވަރުގަދަ އިންޒާރުތަކަކަށްފަހު އުތުރު ކޮރެއާއިން ކުރިއަށް ގެންދަން މަސައްކަތްކުރި ދުރުރާސްތާ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔާބުވެފައިވާ ކަމަށް ދެކުނު ކޮރެއާ އަދި އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އުތުރުކޮރެއާއިން ބެލެސްޓިކް މިސައިލެއް ޓެސްޓެއް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ކޮރެއަން ޕެނިންސުލާ ސަރަހައްދުގެ މައްސަލަ ހޫނުވެ، އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފައިވާ ދަނޑިވަޅެއްގައެވެ.
ދުރުރާސްތާ ބެލެސްޓިކް މިސައިލެއް ޓެސްޓުކުރަން އުތުރު ކޮރެއާއިން މަސައްކަތްކޮށްފައި މިވަނީ އެގައުމުގެ އިރުމަތީ އައްސޭރި ފަރާތުގައެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނާގޮތުގައި އުތުރު ކޮރެއާއިން ތަޖުރިބާކުރަން މަސައްކަތްކުރި ބެލެސްޓިކް މިސައިލްވަނީ އުދުއްސާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގޮވާފައެވެ.
މިސައިލް ލޯންޗުކޮށްފައި ވަނީ އުތުރު ކޮރެއާގެ ބާނީ ކިމް އިލް ސަންގްގެ 105 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާތަކަށް ފަހުގަ އެވެ.
އުތުރުކޮރެއާގެ މި އަމަލަކީ އދގެ މުޢާހަދާތަކާއި ޚިލާފަށް ފަސް ފަހަރެއްގެ މަތިން އެގައުމުން ނިއުކްލިއަރ މިސައިލް ޓެސްޓްތަކެއް ހެދުމަށް، ބެލެސްޓިކް މިސައިލެއް ޓެސްޓުކުރަން އަލުން ނެގި ފިޔަވަޅެކެވެ.
މިސައިލް ޓެސްޓްތަކާއި ގުޅިގެން އަވައްޓެރި ދެކުނު ކޮރެއާ އިން ބުނެފައިވަނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އުތުރު ކޮރެއާއިން ޓެސްޓްކޮށްފައިވަނީ ކޮންކަހަލަ މިސައިލެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
މިފަހަކަށް އައިސް އުތުރުކޮރެއާ މިހާ ބޮޑަށް ކެކިގަނެގެން މިއުޅެނީ އެމެރިކާގެ އަސްކާރިއްޔާ މަނަވަރުތަކެއް ދެ ކޮރެއާ ގުޅޭ ސަރަހައްދަށް ނުވަތަ ކޮރެއަން ޕެނިންސުލާ ސަރަހައްދަށް ދިޔުމުންނެވެ.
އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން ދެކުނު ކޮރެއާގެ އިތުރުން އެސަރަހައްދުގެ އެހެން ގައުމުތަކުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ޗައިނާއިންވެސްވަނީ އެކަންބޮޑުވުން އޮތްކަމަށްބުނެފައެވެ. އަދި އެގައުމުން ކުރަމުންދާ މިސައިލް ޓެސްޓްތައް ނުކުރުމަށްވެސް ޗައިނާއިން ވަނީ އެދިފައެވެ.
ގިނަ ގައުމުތަކުން ސިޔާސީ ގުޅުން ބާއްވަން ބޭނުންނުވާ އުތުރު ކޮރެއާ އާއި ޚާރިޖީ ގުޅުން ބާއްވާ މަދު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.