އިނގިރޭސި ވިލާތުގެ ރޯޔަލް އެއާ ފޯސް އިން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އަމާޒުކޮށް 200 އަށްވުރެ ގިނަ ބޮމާއި މިސައިލް ހަމަލާ ދީފިއެވެ.
ބީބީސީ އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހަށް (މިއަހަރުގެ ފުރަތަމަ 99) ދުވަހުގެ ތެރެއިން 69 ދުވަހު އިނގިރޭސި ވިލާތުން އައިއެސް އަށް ބޮން އަޅާފައިވެއެވެ. އެ ދިރާސާއިން ދައްކާ ގޮތުން މަދުވެގެން 216 ބޮމާއި މިސައިލް ހަމަލާ ދީފައިވެއެވެ.
އިނގިރޭސި ވިލާތުން ދަނީ 2014 ވަނަ އަހަރުން ފެށިގެން އިރާގުގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ ހަމަލާ ދެމުންނެވެ. އަދި މިދިޔަ އަހަރުން ފެށިގެން ސީރިއާގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ ހަމަލާ ދެމުންނެވެ.
އައިއެސް އަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ސީދާ ތަފްސީލް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓްރީން ހާމަ ނުކުރި ނަމަވެސް، ސަރަހައްދުގައި ހިނގާ އޮޕަރޭޝަންގެ ކޮންމެވެސް މައުލޫމާތެއް ކޮންމެ ހަފްތާއަކު ހިއްސާކުރެއެވެ.
ބީބީސީން ބުނި ގޮތުގައި އިނގިރޭސި ވިލާތުން ދިން ހަމަލާގެ އަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ. ބީބީސީން ބުނި ގޮތުގައި އިނގިރޭސި ވިލާތުން، އައިއެސްއާ ދެކޮޅަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ޕާވްވޭ 4 ނަމަކަށް ކިޔާ ބޮމެކެވެ. މަދުވެގެން އޭގެ 129 ބޮން ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭއިރު އެ ބޮމަކީ ލޭޒާ ގައިޑެޑް ބޮމެކެވެ. އޭގެ ބޮމެއްވެ އަގަކީ އަގަކީ 22،000 ބްރިޓިޝް ޕައުންޑެވެ.
އިނގިރޭސި ވިލާތުން އައިއެސްއާ ދެކޮޅަށް ދެން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ހެލްފަޔާ ނަމަކަށް ކިޔާ މިސައިލެކެވެ. އެ މިސައިލަކީ މީހުންނާ ނުލާ ދަތުރުކުރާ ވައިގެ އުޅަނދުތަކުން ވައިގެ ތެރޭގައި އޮވެ، ބިމަށް ފޮނުވާ މިސައިލެކެވެ.
އިނގިރޭސި ވިލާތުން ވަނީ 20 ބްރިމްސްޓޯން މިސައިލް، އައިއެސްއާ ދެކޮޅަށް ބޭނުންކޮށްފައެވެ.
ނިމިގެން ދިޔަ 2016 ވަނަ އަހަރު، އެމެރިކާއިން އެކަނިވެސް ސީރިއާއަށް 12192 ބޮމުގެ ހަމަލާ އަދި އިރާގަށް 12095 ބޮމުގެ ހަމަލާ ދީފައިވެއެވެ.