ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 22:51
އަޔަކްސްއަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް
އަޔަކްސްއަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް
ގެޓީ އިމޭޖަސް
ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވުން
ވެން ޑަ ބީކްގެ ސޮއި ޔުނައިޓެޑުން ހޯދައިފި
ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވީ 35 މިލިޔަން ޕައުންޑްގެ އަގަކަށް
ވެން ޑަ ބީކް ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

އަޔަކްސްއަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކްގެ ސޮއި މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.

މީގެ ކުރިން ބާސެލޯނާގެ ކޯޗުގެ މަގާމާ ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ހަވާލުވުމާއެކު، އޭރު ބެލެވިފައި އޮތީ ވެން ޑަ ބީކް ބާސާއަށް ބަދަލުވާނެ ކަމަށެވެ. އެކަމަކު ބާސާއިން ވެން ޑަ ބީކް ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވީ 35 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި ބޯނަހުގެ ގޮތުގައި އިތުރު ހަތަރު މިލިޔަން ޕައުންޑް ޔުނައިޓެޑުން ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވެން ޑަ ބީކް ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް އޭނާ ޔުނައިޓެޑްގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

ވެން ޑަ ބީކް ހޯދަން އެންމެ ފުރަތަމަ މަސައްކަތްކުރީ ރެއާލް މެޑްރިޑުންނެވެ. މިދިޔަ ޖެނުއަރީ މަހު ވެން ޑަ ބީކްއާއެކު ރެއާލުން މަޝްވަރާތަކެއް ކުރިއެވެ. އެކަމަކު ވެން ޑަ ބީކް ގަތުމާ މެދު ރެއާލުން ދެވަނަ ވިސްނުމަކަަށް ދިޔައީ ކޮވިޑް-19 ގެ ސަބަބުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ކުލަބުގެ ހަރަކާތްތައް މަޑުޖައްސާލުމުގެ ގޮތުންނެވެ.

އަޔަކްސް ޔޫތު ޓީމުން ކެރިއަރު ފަށައި 2015 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ވެން ޑަ ބީކް އަކީ އަޔަކްސް އިން 2018-2019 ވަނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީން ފުރުސަތު ހޯދި ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަޔަކްސްއަށް 175 މެޗު ކުޅެދީ 41 ލަނޑު ކާމިޔާބުކޮށްދީފައިވާ ވެން ޑަ ބީކް ވަނީ އަޔަކްސްއާއެކު 2018-2019 ވަނަ އަހަރުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ވެން ޑަ ބީކަކީ މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވި ފުރަތަމަ ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން އެއްވަނަ ޓާގެޓެއްގެ ގޮތުގައި މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާ ވިއްކާލަން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން ވަނީ ވަގުތީ ގޮތުން މަޝްވަރާތައް ހުއްޓާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް