ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 22:11
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ސުއަރޭޒް ޔުވެންޓަސްއަށް ބަދަލުވުން
ސުއަރޭޒް ޔުވެންޓަސްއަށް ބަދަލުވުމާ ގާތަށް
ސުއަރޭޒް ގަތުމަށް 51 މިލިޔަން ޔޫރޯ ހޭދަކުރުމަށް ޔުވެންޓަސް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނޭ
ސުއަރޭޒް ހޯދުމަށް އޭނާ ކުރީގެ ކުލަބު އަޔަކްސްއިންވެސް އަންނަނީ މަސައްކަތް ކުރަމުން

ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ޔުވެންޓަސްއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒް އާއި ޔުވެންޓަސްއާ ދެމެދު އެއްބަސްވުމަކާ ގާތަށް ގޮސްފައިވާއިރު، ބާސާއިން އޮތީ ސުއަރޭޒް ވިއްކާލުމަށް ތައްޔާރަށެވެ. މީގެ ކުރިން މީޑިއާތަކުން ވަނީ ސުއަރޭޒް ވިއްކާލުމަށް ބާސާއިން އަމާޒުހިފާފައިވަނީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، ބާސާގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން ސުއަރޭޒް ހޯދުމަށް އަންނަ ހަފުތާގެ ހޯމަ ދުވަހު ބިޑްކުރާނެއެވެ. އަދި އެ ޓީމުން ސުއަރޭޒް ގަތުމަށް 51 މިލިޔަން ޔޫރޯ ހޭދަކުރުމަށް ތައްޔާރަށް އޮތް ކަމަށާއި، ޔުވެންޓަސްއިން ސުއަރޭޒްއަށް ބިޑްކޮށްފިނަމަ، ބާސާއިން އެ ބިޑް ގަބޫލުކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސުއަރޭޒް މިވަގުތު ބާސާގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި ބާސާއިން ސުއަރޭޒްގެ އެއްބަސްވުން އުވާލާނަމަ، 14 މިލިޔާން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ސުއަރޭޒް ވަނީ ދާދި ފަހުން އޭނާ ބާސާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންނުވާ ކަމަށް ބުނެފައެވެ. ސުއަރޭޒް ބުނީ ބާސާގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުން އެއީ މައްސަލައެއް ނޫން ކަމަށާއި، ބެންޗުގައި އިންނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި އުމުރުން ދޮށިވުމުން ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އޭނާއަށް އަދިވެސް ބާސާއަށް ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވެވޭނެ ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.

ޔުވެންޓަސްގެ އިތުރުން ސުއަރޭޒް ހޯދުމަށް އޭނާ ކުރީގެ ކުލަބު އަޔަކްސްއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ސުއަރޭޒް އެންމެ ފުރަތަމަ އަޔަކްސްއާ ގުޅުނީ 2007 ވަނަ އަހަރުއެވެ. އަޔަކްސްގައި ހޭދަކުރި ހަތަރު ސީޒަންގައި ސުއަރޭޒް ވަނީ އެކުލަބަށް ކުޅެދިން 159 މެޗުން 111 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު 2010 ވަނަ އަހަރު ސުއަރޭޒް ބަދަލުވީ ލިވަޕޫލަށެވެ. ލިވަޕޫލާއެކުވެސް އޭނާ ހަތަރު ސީޒަން ހޭދަކުރިއިރު، ސުއަރޭޒް ވަނީ ލިވަޕޫލަށް ކުޅެދިން 133 މެޗުގައި 82 ލަނޑު ކާމިޔާބުކޮށްފައެވެ.

ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށެވެ. އޭނާ މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސުއަރޭޒް ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް