ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 15:12
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ
ގެޓީ އިމޭޖަސް
ވޯކާ މާފަށް އެދުން
ލޮކްޑައުން ގަވާއިދާ ޚިލާފުވާން ނިންމި ނިންމުންތަކަކީ ގޯސް ނިންމުންތަކެއް: ވޯކާ
ދެ ފަހަރެއްގެ މަތިން ވޯކާ ވަނީ ގަވާއިދުތަކާ ޚިލާފުވެފައި
އޭރު ކުރެވުނު ކަންކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވޯކާ ބުނި

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައެޅި ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވާން ނިންމި ނިންމުންތަކަކީ ގޯސް ނިންމުންތަކެއް ކަމަށް މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާ ބުނެފިއެވެ.

މީގެ ކުރިން ވޯކާ ވަނީ ލޮކްޑައުން ގަވާއިދުތަކާ ދެ ފަހަރެއްގެ މަތިން ޚިލާފުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މާޗު މަހުގެ ތެރޭގައި ވޯކާ ވަނީ ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބާއްވާފައެވެ. އެކަމާ ގުޅިގެން ސިޓީން އޭނާއަށް ފިޔަވަޅު އަޅަންވެސް ނިންމިއެވެ.

އަދި މެއި މަހު ވޯކާ ވަނީ ލޮކްޑައުން ގަވާއިދުތަކާ ޚިލާފަށް އޭނާގެ އާއިލާ ގާތަށް ޒިޔާރަތް ކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ސަޕޯޓަރުން ވޯކާއަށް ފާޑު ކިޔުމުން، ވޯކާ ވަނީ ސަޕޯޓަރުން އޭނާއަށް ފުރައްސާރަ ކުރި ކަމަށްވެސް ބުނެފައެވެ.

އެކަމަކު އޭގެ ފަހުން އުމުރުން 29 އަހަރުގެ ވޯކާ ވަނީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމުލުކުރެވުމުން، ސަޕޯޓަރުންގެ ކިބައިން އެކަމަށް މާފަށް އެދިފައެވެ.

ދާދި ފަހުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވޯކާ ބުނީ އޭރު ނިންމި ނިންމުންތަކާ ގުޅިގެން އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ނަސޭހަތްތެރިވި ކަމަށާއި، ގަވާއިދާ ޚިލާފުވާން ނިންމި ނިންމުންތަކަކީ ގޯސް ނިންމުންތަކެއް ކަމަށެވެ. އަދި ކުޅުންތެރިއެއްގެ ހައިސިއްޔަތުން އާންމު ރައްޔިތުންނަށް އޭނާ ނަމޫނާ ދައްކަން ޖެހޭނެ ކަމަށާއި، އޭރު ކުރެވުނު ކަންކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށްވެސް ވޯކާ ބުންޏެވެ.

ވޯކާގެ މައްސަލަތަކެއް ފެންމަތިވިއިރު، މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިންގެ ފަރާތުންވެސް ވަނީ ގަވާއިދުތަކާ ޚިލާފު އަމަލުތައް ފެނިފައެވެ.

ވޯކާ ވަނީ މި މަހު ފަށާ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އިންގްލެންޑުން ނެގި ސްކޮޑުގައި ހިމަނާފައެވެ. ނޭޝަންސް ލީގުގައި މި މަހުގެ ކުރީކޮޅު އިންގްލެންޑުން އައިސްލެންޑާއި ޑެންމާކާ ދެކޮޅަށް ނުކުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް