ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 15:56
ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ޕޮލްކޯއާއެކު ސޮއިކުރުން
ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ޕޮލްކޯއާއެކު ސޮއިކުރުން
ކުޅިވަރާ ބެހޭ ވުޒާރާ
އެކުވެނި ދުވާ ޓްރެކް ތަރައްގީކުރުން
އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާ
މި މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 ރުފިޔާ
މި މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި ބުދަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައ މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު، ޕޮލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންހ ޑިރެކްޓަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 (ބާރަ މިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އެ ތަނުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސީއެސްއާރް މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށާއި، ލަފާ ކުރެވޭ ގޮތުން އެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކްގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަދި އެތަނުގައި ރަސްމީކޮށް ކްރިކެޓް ކުޅޭ ދަނޑުވެސް އޮތުމާއެކު، ޓްރެކްގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކްލާސްތައް ބާއްވަންވެސް ބޭނުންކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް