ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 13:45
ލިލްއަށް ކުޅެމުން އައި ބްރެޒިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސް
ލިލްއަށް ކުޅެމުން އައި ބްރެޒިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސް
ގެޓީ އިމޭޖަސް
ގަބްރިއެލް އާސެނަލަށް ބަދަލުވުން
ލިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް އާސެނަލަށް
ގަބްރިއެލްގެ ސޮއި އާސެނަލުން ހޯދީ 26 މިލިޔަން ޔޫރޯއަށް
ގަބްރިއެލް ވަނީ އާސެނަލާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހަދާފައި

ލިލްއަށް ކުޅެމުން އައި ބްރެޒިލްގެ ޒުވާން ޑިފެންޑަރު ގަބްރިއެލް މަގަލްހައެސް އާސެނަލަށް ބަދަލުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ޑިފެންޑަރުގެ ސޮއި އާސެނަލުން ހޯދީ 26 މިލިޔަން ޔޫރޯއަށެވެ. އާސެނަލާއެކު ގަބްރިއެލް ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހެދި ކަމަށް އެ ކުލަބުން ހާމަކޮށްފައިވީ ނަމަވެސް، އެއްބަސްވުމުގެ ސީދާ މުއްދަތެއް ހާމަކޮށްފައެއް ނުވެއެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ގަބްރިއެލް އަކީ ހުނަރުހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި، ގަބްރިއެލްއާއެކު އާސެނަލްގެ ފަހަތް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

އާސެނަލަށް ބަދަލުވުމަށްފަހު ގަބްރިއެލް ބުނީ އާސެނަލަށް ބަދަލުވުމުގެ ކުރިން ބައެއް އެހެން ކުލަބުތަކުންވެސް ހުށަހެޅުންތައް ލިބުނު ކަމަށާއި، އެކަމަކު އާސެނަލަށް ބަދަލުވާން ނިންމީ އާއިލާ އާއި އޭނާގެ އޭޖެންޓްގެ އިތުރަށް ލިލްގެ ޑިރެކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އާސެނަލަކީ ތާރީޚީ ކުލަބެއް ކަމަށާއި، އާސެނަލާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.

ގަބްރިއެލް އާސެނަލަށް ބަދަލުވިއިރު، އޭނާ ވަނީ ލިލްގައި ތިން ސީޒަން ހޭދަކޮށްފައެވެ. އަދި އެ ކުލަބަށް އޭނާ ވަނީ 52 މެޗު ކުޅެދީފައެވެ.

ގަބްރިއެލް އަކީ އަންނަ ސީޒަނަށް އާސެނަލުން ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އާސެނަލުން ވަނީ ޗެލްސީއަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ވިލިއަންގެ ސޮއިވެސް ހޯދާފައެވެ.

އަދި އާސެނަލުން އަންނަނީ ރެއާލް މެޑްރިޑުގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަންގައި އެ ކުލަބަށް ކުޅުނު ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބާޔޯސް އަންނަ ސީޒަނުގައި ވެސް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ސެބާޔޯސް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން އެފްއޭ ކަޕް ކާމިޔާބުކުރިއިރު އޭނާގެ ދައުރު ބޮޑެވެ.

މީގެ އިތުރުން އާސެނަލުން ވަނީ ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ބަދަލުވި ފްލެމިންގޯގެ ޑިފެންޑަރު ޕަބްލޯ މަރީގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް