ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 20:58
އަންގާރަ ދުވަހު ގުރައިދުއަށް އެ ރަށު ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ބޭނުންވާ ސާމާނާއި އުޅަނދުފަހަރު ވަނީ ގެންގޮސްފައި
އަންގާރަ ދުވަހު ގުރައިދުއަށް އެ ރަށު ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ބޭނުންވާ ސާމާނާއި އުޅަނދުފަހަރު ވަނީ ގެންގޮސްފައި
ކުޅިވަރާ ބެހޭ ވުޒާރާ
ގުރައިދޫ ޓާފް ދަނޑުގެ މަސައްކަތް
ކޮވިޑް-19 އާ ގުޅިގެން ލަސްވި ގުރައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށަނީ
ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ
ބިން އެއްވަރުކުރުމުގެ މަސައްކަތަށް ވަނީ 1،576،843 ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައި

ކ. ގުރައިދޫގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ބިން އެއްވަރުކުރުމުގެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 1،576،843 (އެއް މިލިޔަން ފަސްލައްކަ ހަތްދިހަ ހަހާސް އަށްސަތޭކަ ސާޅީސް ތިނެއް) ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ނުފެށި ލަސްވެގެންދިޔައެވެ.

އަންގާރަ ދުވަހު ގުރައިދުއަށް އެ ރަށު ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ބޭނުންވާ ސާމާނާއި އުޅަނދުފަހަރު ގެންދިޔައިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ގުރައިދުއަށް އުފާވެރި ދުވަހެއް ކަމަށާއި، ބިން އެއްވަރުކުރުމުގެ މަސައްކަތް ދެން ދާނީ ބާރަށް ކުރިއަށް ކަމަށެވެ. އަދި އެ ދަނޑަށް ބޭނުންވާ ޓާފް ގެނައުމަށް މި މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާރުވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ގުރައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާއިރު، ނ. ކެނދިކުޅުދޫ އާއި، އައްޑޫ ސިޓީ ހުޅުދޫ އަދި ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް