ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 17:49
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ - އެމަނިކުފާނު އަވަހަރަވިއިރު އުމުރުފުޅުން 84 އަހަރު
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ - އެމަނިކުފާނު އަވަހަރަވިއިރު އުމުރުފުޅުން 84 އަހަރު
ރޮއިޓަރސް
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރ
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެ
އަވަހާރަވެފައިވަނީ، ރިސާޗް ރެފަރަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް
ކޮވިޑް-19 އަށް ޓެސްޓުކުރިއިރުވެސް އެމަނިކުފާނު ޕޮޒިޓިވްވެފައިވޭ
ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާކަމަށްވެސް ރިޕޯޓްތައް ބުނޭ

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އުމުރުފުޅުން 84 އަހަރުގައި އަވަހާރަވެއްޖެއެވެ.

ދަރިކަލުން އަބީޖީތް މުކަރުޖީއާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، އެމަނިކުފާނު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން އެމަނިކުފާނު އަވަހާރަވެފައިވަނީ، އާރމީސް ރިސާޗް އެންޑް ރެފަރަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭރު އެމަނިކުފާނު އޮންނެވީވެސް ކޯމާއެއްގައި، ވެންޓިލޭޓަރުގެ އެހީގައެވެ.

ޕްރަނާބް މުކަރުޖީގެ ސިއްޙީ ޙާލުކޮޅު ގޯސްވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައިވަނީ މީގެ 20 ދުވަސް ކުރިންނެވެ. އަދި އޭރު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރިއިރުވެސް އެމަނިކުފާނު ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕްރަނާބް މުކަރުޖީގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައިވާއިރު، ދާދި ފަހުން ވަނީ އޮޕަރޭޝަނެއްވެސް ކުރައްވާފައެވެ. އެގޮތުން ބެލެވޭ ގޮތުގައި ޕްރަނާބް މުކަރުޖީގެ ސިކުނޑީގައި ލޭ އުފެދިފައިވަނީ އެމަނިކުފާނު ފާހަނާއަށް ވެއްޓުމާއި ގުޅިގެންނެވެ.

އޭގެ އިތުރުން، އެމަނިކުފާނުގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާކަމަށްވެސް ހޮސްޕިޓަލާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޕްރަނާބް މުކަރުޖީ އިންޑިއާގެ ރައީސްކަން ކުރައްވާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވަނީ ގާތްގަނޑަކަށް 50 އަހަރު ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ.

އިންޑިއާ އަކީ ރެކޯޑް އަދަދަކަށް ކޮވިޑް-19ށް މީހުން ޕޮޒިޓިވްވަމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމުގެ 10 ސްޓޭޓެއްގެ 80 އިންސައްތަ މީހުން މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އިންޑިއާ އަކީ އެމެރިކާ އަދި ބްރެޒިލްއަށް ފަހު މި ބައްޔަށް އެންމެ ގިނަ މީހުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާކަމަށް ރިކޯޑްކުރާ ގައުމުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް